އަފްޣާނިސްތާން

އަފްގާނުގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓަކަށް އަނެއްކާވެސް ހަމަލާދީފި

އަފްގާނިސްތާނުގެ ޖަލާލް އާބާދުގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓެއްގެ ކައިރީ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ހަ މީހުން މަރާލައިފި އެވެ. މިއަދު ހެނދުނު ދިން މި ހަމަލާގައި ދެ މީހަކު ޒަހަމްވެސް ވިއެވެ.

އިންޑިއާގެ ކޮންސިއުލޭޓެއްގެ އިތުރުން 200 މީޓަރު ދުރުގައި އޮންނަ ޕާކިސްތާނުގެ ކޮންސިއުލޭޓެއްގެ ކައިރީގައި ވެސް ވަނީ ބަޑީގެ ހަމަލާތަކަކާއެކު ޖާނުން ފިދާ ވެގެން ބޮމުގެ ހަމަލާއެއް ދީފަ އެވެ. މި ހަމަލާތަކަށްފަހު އަފްގާން ސިފައިންވަނީ އިތުރު ހަމަލާއެއް އަތުވެދާނެ ކަމަށް ތައްޔާރުވެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބަޑި ހިފައިގެން ތިބި ބަޔަކު ވަނީ ޕާކިސްތާން ކޮންސިއުލޭޓާ ކައިރި ހިސާބެއްގައި ފިލަ އެވެ. ނަމަވެސް އެ ކޮންސިއުލޭޓް ހުންނަ ސަރަހައްދު މިހާރު ވަނީ އަފްޣާނުން ސިފައިން ބަންދުކޮށް ކޮންޓްރޯލް ކޮށްފަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ބަޑީގެ އަޑުފައްގަނޑާއެކު ކައިރީގައި ހުރި ގެތަކުންނާއި ސްކޫލްތައްވަނީ މީހުން ނުކުމެ ހުސްކޮށްފަ އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުވެސް ޖަލާލް އާބާދުގައި ހުންނަ އިންޑިއަން ކޮންސިއުލޭޓް ކައިރީ ބޮމުގެ ހަމަލާއެއް ދީފައިވެ އެވެ. ނަމަވެސް އެހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.