މާލޭ ސިޓީ ކައުންސިލް

ވިލިމާލެއަށް ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ތައާރަފްކޮށް، އިލެކްޓްރިކް ބަގީ ބޭނުންކުރުމަށްޓަކައި ހަ އިލެކްޓްރިކް ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގެ އަގު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

އޭގެ ކުރިން މި މަހުގެ 28 ވަނަ ދުވަހު މައުލޫމާތު ދިނުމަށްޓަކައި ބައްދަލުވުމެއް ބާއްވަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މި މަސައްކަތުގައި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާންގައިވެ އެވެ.

ވިލިމާލޭގައި މިހާރުވެސް އަމިއްލަ ފަރާތަކުން ބަގީގެ ހިދުމަތްދެ އެވެ. ނަމަވެސް ހިދުމަތް އެކަށީގެންވާ ގޮތަކަށް ލިބެމުން ނުދާތީ އާންމުންގެ ޝަކުވާ ބޮޑެވެ.

ވިލިމާލެ އަކީ ތެޔޮ އަޅައިގެން ދުއްވާ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ މާލޭގެ ހަމައެކަނި އަވަށެވެ.