އުމުރުން 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ މާހްސާ އަމީނީގެ މަރުން މުޅި އިރާނު ވަނީ ކެކި އަރަން ފަށާފަ އެވެ.
އެ ގައުމުގެ މަގުތަކަށް ގިނަ އަދަދެއްގެ އަންހެނުން ނުކުމެ މުޒާހަރާކޮށް އަޑު އުފުލަމުންދާއިރު މި މުޒާހަރާތައް ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި މިހާތަނަށް ފަސް މީހުން ވަނީ މަރުވެފަ އެވެ.
މާހްސާ މަރުވީ އިރާނުގެ "މޯރަލިޓީ ޕޮލިހުން" އޭނާ ހައްޔަރުކުރިތާ ދެ ގަޑިއެއްހާއިރު ތެރޭގައި ކޯމާއަށް ގޮސްގެން ފަރުވާދެނިކޮށް މިދިޔަ ހުކުރު ދުވަހު އެވެ.
މާހްސާގެ ކުށަކީ މޯރަލިޓީ ޕޮލިހުން ހިތްހަމަޖެހޭ ގޮތަށް ބުރުގާ އަޅާފައި ނެތުމެވެ. އޭނާ ބުރުގާ އަޅާފައި ހުރިއިރު އިސްތަށިގަނޑުން ބައެއް ފެންނަން އޮތުމެވެ.
މާހްސާ އަކީ ސައްގީޒް ކިޔާ ރަށެއްގައި ދިރިއުޅޭ ޒުވާނެކެވެ. އާއިލާގެ މީހުންނާއެކު އޭނާ އެ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނަށް ގޮސް އުޅުނީ ޗުއްޓީ ހޭދަކޮށްލާށެވެ.
މާހްސާ ހައްޔަރުކުރީ އޭނާގެ ބޭބެ ކިއާރަޝްއާ އެކު މަގުމަތީގައި އުޅެނިކޮށެވެ. ކުއްލިއަކަށް މޯރަލިޓީ ޕޮލިހުން ވޭނެއްގައި އައިސް މަޑުކޮށް މާހްސާގެ ދެ އަތުގައި ހިފައި ދަމައި ވޭނަށް އެރުވީ އެވެ. މާހްސާ ގެންދަނީ ކީއްވެތޯ އޭނާގެ ބޭބެ ސުވާލުކުރުމުން އެއީ ބުރުގާ އަޅާފައި ހުރި ގޮތުން ކަމަށާއި ބުރުގާއަޅާނެ ގޮތުގެ ތައުލީމާއި ތަމްރީނު ދީފައި ދެ ގަޑިއެއްހާއިރު ފަހުން ދޫކޮށްލާނެ ކަމަށް މޯރަލީ ޕޮލިހުން މާހްސާގެ ބޭބެ ކައިރީ ބުނި ކަމަށް ވެއެވެ.
މާހްސާގެ ބޭބެ އޭނާ ގެންދިޔަ ނުދޭން މަސައްކަތްކުރުމުން އޭނާގެ ލޮލަށް ކަރުނަގޭސް ޖަހައި ދެއަތް އަނބުރާލާފައި އެމީހުން މާހްސާ ގެންދިޔައީ އެވެ.
މާހްސާ ގެންދިޔައީ ވޮޒާރާ އެވެނިއުގައި ހުރި ޕޮލިސް ސްޓޭޝަނަށެވެ. ގިނަ ބަޔަކު ޝައްކު ކުރަނީ ގެންދިޔަ މަގުމަތީގައި މާހްސާއަށް ވަރަށް އަނިޔާކޮށްފައިވާ ކަމަށެވެ. ޔަގީންވާ ކަމަކީ އެތަނަށް ގެންދިޔަތާ އެންމެ ދެ ގަޑިއިރު ތެރޭ މާހްސާގެ ހާލު ބޮޑުވެގެން ކަސްރާ ހޮސްޕިޓަލަށް ގެންދިޔަ ކަމެވެ.
ހޮސްޕިޓަލުން ބުނަނީ މާހްސާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ. ނަމަވެސް ވޭނަށް އެރުވުމާ ހަމައަށް މާހްސާ ހުރީ ގަދަވެ ސަލާމަތުންނެވެ. އަދި އޭނާގެ ހިތުގެ އެއްވެސް މައްސަލައެއް ހުރިކަމެއް އާއިލާއަށް އެނގިފައެއް ނެތެވެ.
މާހްސާއާ އެކު ހަމަ އެރޭ ހައްޔަރުކުރި ސަދަފް ނަމަކަށް ކިޔާ އަންހެނަކު އީރާނުގެ ނޫހަކަށް ކިޔައިދިން ގޮތުގައި މާހްސާ އެރުވީ އޭނާ އިން ވޭނަކަށް ނޫނެވެ. އެހެންވެ ވޭން ތެރޭގައި ހިނގި އެއްވެސް ކަމެއް އޭނާ އަކަށް ނޭނގެ އެވެ. ނަމަވެސް ހައްޔަރުކޮށްފައި ތިބީ އެއްތަނެއްގަ އެވެ.
"އެމީހުން އަހަރެމެންގެ މޯބައިލް ފޯނުތައް އަތުލާފައި ބޮޑު ކޮޓަރިއަކަށް ވެއްދީ. އެންމެން އިށީންނަނިކޮށް އަހަރެމެންގެ ތެރެއިން އެކަކު މޫނުވަތަށް ވެއްޓުނު މަންޒަރު އަހަރެމެންނަށް ފެނުނު. އޭނާ ކައިރީގައި އެ ވަގުތުވެސް މޯރަލިޓީ ޕެޓްރޯލްގެ އަންހެނަކު ހުރި. އޭނާ ވެއްޓުމުން ވެސް އެމީހާ އޭނާއަކަށް ނުބަލާ. ބިރުވެރި އަޑަކުން އެމީހާ ގޮވާ ކީއްވެހޭ ތިރޮނީ އެންމެން. އިށީންނާށޭ،" ސަދަފް ބުންޏެވެ.
ސަދަފް ބުނި ގޮތުގައި އޭރު ވެއްޓުނީ މާހްސާ އެވެ. އެ ވަގުތު މާހްސާ ކައިރީގައި އިން އެހެން އަންހެން ކުއްޖެއް ގޮސް މާހްސާ ނަގައި އޭނާގެ ގައިގައި ބައްދާލި އެވެ. އޭރު ވެސް މާހްސާ އޮތީ ހޭނެތިފަ އެވެ. މާހްސާ ވެއްޓުނުއިރު ކުރިމަތީގައި ހުރި ގޮނޑިއެއްގައި ވެސް އޭނާގެ ބޯ ޖެހުނެވެ.
މާހްސާގެ މޫނުގައި ފެން އުނގުޅާ އޭނާ ހޭއަރުވަން އެތާ ތިބި އެންމެން ވެސް މަސައްކަތްކުރި ކަމަށް ސަދަފް ބުންޏެވެ.
"ހީވަނީ މިކަހަލަ ކަންކަމަށް ފަރުވާދޭން ޕެރެމެޑިކްސް ކުރީބައިގައި އެތަނަށް ގެނެސްފައި ތިބޭހެން. އެއީ މާހްސާ ވެއްޓުނުތާ ދެ މިނެޓެއްހާއިރު ތެރޭ ޕެރެމެޑިކްސް އައިސް އޭނާ އަށް ސީޕީއާރް ދޭން ފެށި. އަދި އިސާހިތަކު އޭނާ ހޮސްޕިޓަލަށް ގެންދިޔަ،" ސަދަފް ބުންޏެވެ.
އީރާނު ޕޮލިހުން ބުނަނީ މާހްސާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ. ނަމަވެސް މުޒާހަރާ ކުރާ މީހުން ގަބޫލުކުރާ ގޮތުގައި މާހްސާ މަރުވީ ވޭނަށް އަރުވާފައި އިން އިރު އޭނާއަށް އަނިޔާކޮށް ބޮލުގައި ބާރަށް އެއްޗަކުން ޖެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން ސިކުނޑި މަރުވެގެންނެވެ.
މާހްސާ ހޮސްޕިޓަލުގައި ހޮޅިތައް ގުޅާފައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކުވި އެވެ. އީރާނު މީހުންގެ ރުޅިގަނޑު ފަޅައިގެން ގޮސް މަގުތަކަށް ނުކުމެ މުޒާހަރާކޮށް ހަމަނުޖެހުންތައް ހިންގަން ފެށީ މި ފޮޓޯ ފެނިގެންނެވެ.
ހުކުރު ދުވަހު މާހްސާ މަރުވުމުން އޭނާގެ ޖަނާޒާ އަވަސްކުރަން ވެސް އީރާނު ފުލުހުން މާހްސާގެ އާއިލާއަށް ވަރަށް ޕްރެޝަރު ކޮށްފައި ވެއެވެ.
މާހްސާ ވަޅުލިޔަސް އޭނާގެ މަރުން އީރާނުގެ މީހުން އައިސްފައިވާ ރުޅިއަކަށް ކުޑަވެސް ފިނިކަމެއް ނުލިބުނެވެ. މިއަދާ ހަމައަށް ވެސް އެމީހުން ގެންދަނީ މަގުތަކުގައި ވަރުގަދައަށް މުޒާހަރާ ކުރަމުންނެވެ.
މާހްސާގެ މަރުން އީރާނު އަންހެނުން އައި ރުޅި ގިނަ މީހުން ބޭލީ އެމީހުން އަޅައިގެން ތިބި ބުރުގާ ތަކަށާއި ބޮލުގެ އިސްތަށިގަނޑަކަށެވެ. ބައެއް މީހުން މުޒަހަރާގެ ތެރޭގައި ބުރުގާތައް ބާލާ އަންދާވެސް ހެދި އެވެ. އަދި އިސްތަށިގަނޑު ކޮށައި އިސްތަށި ވެސް ބައެއް އަންހެނުން އަންދާ ހެދި އެވެ.