ލައިފްސްޓައިލް

ޖަލުން ސަލާމާތްވިއިރު "އިރާނު ޒޮމްބީ" ސިފަ ބަދަލުވެފައި!

ސޯޝަލް މީޑިއާގައި މަޝްހޫރު މީހަކަށް ވާހިތުން ބައެއް މީހުން ކޮށްފައި ނުކުރާނެމެއް ނޯވެ އެވެ. އެގޮތުން އީރާނުގެ ޒުވާން އަންހެނަކު މަޝްހޫރުވާން ކުރި ކަމަކީ ހޮލީވުޑް މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީގެ ސިފަ ޖެހެން މަސައްކަތް ކުރީ އެވެ.

ސަހަރް ތަބާރް ނަމަކަށް ކިޔާ މި އަންހެން މީހާ ކުރި މި މަސައްކަތުން އޭނާއަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެއާއެކު އެތައް އަހަރެއް ޖަލުގައި ވެސް ހޭދަކުރަން ޖެހުނެވެ.

ސަހަރް ބުނެފައިވާ ގޮތުގައި އެންޖެލީނާގެ ސިފަ ޖެހެން އޭނާ 50 އަށް ވުރެ ގިނަ ސާޖަރީ ހެދި އެވެ. އަދި ސާޖަރީ އަށް ފަހު އޭނާ ހުރި ސިފަ ކަމަށް ބުނެ ފޮޓޯތަކެއް ވެސް އޭނާ ސޯޝަލް މީޑިއާގައި ޝެއާ ކުރި އެވެ. މި ފޮޓޯތަކުން ފެންނަނީ އެންޖެލީނާގެ ސިފަޔަށް ވުރެ ބޮޑަށް "ޒޮމްބީ"އެއްގެ ސިފަ ޖަހާ ސިފަ ހުތުރު އަންހެނެކެވެ.

އެންޖެލީނާ އަށް ވާން ކުރި މަސައްކަތް ސަހަރް އަށް ހުއްޓާލަން ޖެހުނީ ދީނީ އަގީދާ އާއި ޚިލާފު ކަންތައްތަކާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުގައި 2019ގައި އޭނާ އީރާނުން ޖަލަށް ލީމަ އެވެ.

އުމުރުން 19 އަހަރުގެ ސަހަރް ޖަލަށްލީ 10 އަހަރުގެ މުއްދަތަށެވެ. އެންޖެލީނާ ޖޮލީގެ ޒޮމްބީގެ ސިފަ ޖެހުނުކަމުގެ ކުށުގަ އެވެ.

ސޯޝަލް މީޑިއާއިން ސަހަރްގެ ފޮޓޯތައް ބަލައި އެއަށް ކޮމެންޓުކުރި ގިނަ މީހުންނަށް މިއީ ސަހަރް އަސްލު ހުންނަ ގޮތް ނޫންކަމަށް ގަބޫލު ކުރެވުނެވެ. އަދި ފޮޓޯޝޮޕުން އޭނާ ފޮޓޯތައް އެޑިޓްކޮށްފައިވާ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.

ހަގީގަތުގައި ވެސް އެ ފޮޓޯތަކުން ފެންނަނީ ސަހަރްގެ އަސްލު ސިފައެއް ނޫނެެވެ. އެއީ މޭކަޕާއި އެޑިޓް ކޮށްގެން އޭނާ ބަދަލުކޮށްފައިވާ ފޮޓޯތަކެއް ކަމަށް ޚުދް ސަހަރް ވެސް ފަހުން އެއްބަސް ވެފައި ވެއެވެ. ނަމަވެސް އަސްލު ނޫން ފޮޓޯތަކެއްގެ މައްސަލައިގައި ސަހަރް އަށް މިހާ ބޮޑު ޖަލު ހުކުމެއް އައި ސަބަބެއް ނޭނގެ އެވެ. ގިނަ ބަޔަކު ޝައްކުކުރަނީ އެ ފޮޓޯތަކުގެ ހަގީގަތް އިރާނުގެ ކަމާ ބެހޭ އިދާރާތަކުން އެކަށީގެންވާ ވަރަށް ނުބަލާ ކަމަށެވެ.

ސަހަރް ފަހުން ބުނެފައިވަނީ އެއީ ކޮމްޕިއުޓަރުން ތައްޔާރުކުރި ފޮޓޯތަކެއް ކަމަށެވެ. އަމިއްލަ ފޮޓޯތަކާ ކުޅެ އެކި ވައްތަރު ވައްތަރުތައް ޖައްސުވައިގެން އިންސްޓަގްރާމަށް ލާފައި ހުރި ކަމަށެވެ.

"އަމިއްލައަށް މަޝްހޫރުވާން ސައިބަސްޕޭސް ވަރަށް ބަރާބަރު. މި ގޮތަށް ފޮޓޯތަކާ ކުޅެގެން ޝެއާ ކުރުމުން އެކްޓަރަކަށް ވާން މަސައްކަތް ކުރާ މީހަކަށް ވުރެ ގިނަ ފުރުސަތު ލިބޭ،" ސަހަރް ބުނެފައި ވެއެވެ.

އެތައް އަހަރެއް ޖަލުގައި ހޭދަކުރުމަށްފަހު މީގެ ދެ ދުވަހެއް ކުރިން ސަހަރް ވަނީ ޖަލުން ސަލާމަތްވެފަ އެވެ. އަދި ޖަލުން ނުކުތްއިރު އޭނާގެ ސިފަ ސޯޝަލް މީޑިއާ އިން ފެންނަ ސިފަޔާ މުޅީން ތަފާތެވެ.

އެކަށީގެންވާ ގޮތަށް ނިވާވާ ގޮތަށް ބުރުގާ ނާޅާ ހުރި ކަމަށް ބުނެ އިރާނުގެ މޯރަލިޓީ ފުލުހުން ދާދިފަހުން ވަނީ މަހާސާ އަމީން ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖެއް ހައްޔަރުކޮށް އޭނާއަށް އަނިޔާކޮށް މަރާލާފަ އެވެ. އަދި މުޅި އިރާނުގައި މިކަމާ ދެކޮޅު މުޒާހަރާތައް ކުރިޔަށް އެބަދެ އެވެ. ސަހަރް މިނިވަންވީ ޖަލުތަކުގައި ވެސް މީހުން މުޒާހަރާ ފެށުމުންނެވެ.

ސަހަރް އަށް މިހާރު ވަނީ ރަނގަޅު ފިލާވަޅެއް ލިބިފަ އެވެ. އިތުރަށް މަޝްހޫރުވާން ދެން އޭނާ އެންޖެލީނާ އަށް ވާން މަސައްކަތް ކުރަން ގަސްތެއް ނުކުރެ އެވެ.