ލައިފްސްޓައިލް

ބުރުގާ އިހުތިޖާޖުގައި މިފަހަރު މަރާލީ 17 އަހަރު ކުއްޖެއް

ބުރުގާ އެޅުމަކީ މުސްލިމް އަންހެނުން ކުރަން ޖެހޭ ކަމަކަށް ވިޔަސް ގަދަކަމުން ކުރުވޭނެ ކަމެއް ނޫންކަން އިރާނުގެ އަންހެނުން މިހާރު ކުރަމުންދާ އިހްތިޖާޖުތަކުގައި ދަނީ ބުނަމުންނެވެ.

އިރާނުގެ އެތައް ހާސް ބަޔަކު ހިޖާބާ ދެކޮޅަށް އެ ގައުމުގެ މަގުތަކުގައި މުޒާހަރާ ކުރަމުން ދާއިރު މި މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް އަނިޔާވެރި ގޮތްގޮތަށް މަރަމުންދާ ކަމުގެ ޚަބަރުތައް ވެސް ބޭރުގެ މީޑީއާ ތަކުން ފަތުރަމުން އެބަ ގެންދެ އެވެ.

އިހްތިޖާޖު ކުރާ މީހުންނަށް އަނިޔާކޮށް މެރުމުގައި އިރާނުގެ ސަރުކާރު ސިފައިން ވަނީ ހައްދުން ނައްޓާފައި ކަމަށް މި ޚަބަރުތަކުގައި ބުނެފައި ވެއެވެ. އެގޮތުން ބުރުގާ އެޅުން މަޖުބޫރުކުރުވުމާ ދެކޮޅަށް އިހްތިޖާޖު ކުރަމުންދާ މީހުންނާ ބައިވެރިވި 17 އަހަރުގެ އަންހެން ކުއްޖެއް ވެސް ވަރަށް އަނިޔާވެރި ގޮތަކަށް އިއްޔެ ވަނީ މަރާލާފަ އެވެ.

އިހުތިޖާޖުގައި ބައިވެރިވި މި އަންހެން ކުއްޖާ ގެއްލިގެން އޭނާގެ އާއިލާއިން އޭނާ ހޯދާތާ ހަފުތާއެއްހާ ދުވަސް ފަހުން އާއިލާއާ ހަވާލުކޮށްފައިވަނީ އަންހެން ކުއްޖާގެ ފުރާނަ ނެތް މަސްގަނޑެވެ. އެ ހަށިގަނޑުގެ އެތަން މިތަނުގައި ބޮޑެތި ޒަޚަމްތައް ހުއްޓެވެ. އަދި ޖަނާޒާގެ ކަންތައް ނުބޭއްވިގެން އުޅެނިކޮށް އިރާނު ފުލުހުން އައިސް އެ ކުއްޖާގެ ހަށިގަނޑު އަނބުރާ ގެންގޮސް ވަޅުލާފައި ވެއެވެ. އެއީ ކުއްޖާގެ ހަށިގަނޑަށް ދީފައިވާ ބޮޑެތި އަނިޔާތައް މައިންބަފައިންނާއި އެނޫން މީހުންނަށް ފޮރުވަން ކުރި ކަމެއް ކަމަށް މީޑިއާ ތަކުން ބުނެފައި ވެއެވެ.

ނިކާ ޝަކަރާމީ ނަމަކަށް ކިޔާ މި އަންހެން ކުއްޖާގެ ބޮލުގެ ނާށިގަނޑާއި ނޭފަތްވެސް ވަނީ ފަޅާލާފަ އެވެ. އަދި މެޔާއި ބަނޑު ވެސް ފަޅާލާފައި އޮތް ކަމަށް ޚަބަރުތައް ބުނެ އެވެ.

އިރާނު އަންހެންވެރިން އެ ގައުމުގެ މަގުތަކަށް އިހްތިޖާޖަށް ނުކުތީ އެ ގައުމުގެ މޯރަލް ޕޮލިހުން ހައްޔަރުކޮށްގެން ގެންގޮސް ކުރި އަނިޔާތަކުން މަރުވި 22 އަހަރުގެ މާހްސާ އަމީނީގެ މައްސަލައިގަ އެވެ. މާހްސާގެ ވެސް ކުށަކަށް ވީ މޯރަލް ޕޮލިހުން ހިތްހަމަޖެހޭ ގޮތަށް ބުރުގާ އަޅާފައި ނެތުމެވެ.

މުޒާހަރާ ކުރަމުންދިޔަ މީހުންތަކުގެ ތެރޭގައި ނިކާ ވެސް އުޅެފައިވަނީ ބުރުގާ ނަގާ އެއްލާލައިގެންނެވެ.