މަރުގެ ހުކުމް

މަރަން ހުކުމްކުރި އިރާނު އަންހެނަކު މަރުވިފަހުން ދަންޖައްސައިފި

ފިރިމީހާ މަރާލިކަމުގެ ކުށުގައި މަރަން ނިޔާ ކަނޑައެޅި އިރާނުގެ އަންހެނަކު ހާޓް އެޓޭކެއް ޖެހިގެން މަރުވި ފަހުން ދަން ޖައްސައިފި އެވެ. ޒަހްރާ އިސްމާއިލް ނަމަކަށް ކިޔާ މި އަންހެންމީހާ މަރަން ހުކުމް ކުރީ އޭނާގެ ފިރިމީހާ އަލި ރޭޒާ ޒަމާނީ މަރާލިކަމުގެ ކުށް ސާބިތުވެގެންނެވެ.

އަލިރޭޒާއަކީ އިރާނުގެ އިންޓެލިޖެންސް އޮފިޝަލެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އަދި ޒަހްރާ އާއި އޭނާގެ ދަރިފުޅަށް ވަރަށް ބޮޑެތި އަނިޔާތައް ދެމުން އައި މީހެކެވެ.

ދެ ކުދިންގެ މަންމަ ޒަހްރާ ދަން ޖެއްސީ އިރާނުގެ ކަރަޖްގައި ހުންނަ ޖަލެއްގަ އެވެ. މިއީ ވެރިރަށް ތެހެރާނާ 20 ވަރަކަށް މޭލު ދުރުގައި އޮންނަ ޜަށެކެވެ. މަރަން ނިޔާ ކަނޑައެޅުމަށްފަހު ޖަލަށް ލާފައި ހުއްޓާ ޒަހްރާއަށް ހާޓް އެޓޭކެއް ޖެހުނެވެ. އަދި ދަންޖައްސާ މަރާލުމުގެ ކުރިން ޒަހްރާ މަރުވީ އެވެ.

އޭނާގެ ގާނޫނީ ވަކީލު އޮމިދު މޮރާދީ ބުނި ގޮތުގައި ޒަހްރާ ދަންޖައްސަން ނެރެ ބަހައްޓާފައި ހުރިއިރު އޭނާގެ ކުރީގައި 16 ވަރަކަށް ފިރިހެނުން ސަފަކަށް ބައިތިއްބާފައި ތިއްބެވެ. އެ ހުރިހާ މީހުންނަކީ ވެސް ދަން ޖައްސާ މަރަން ހުކުމް ކޮށްފައި ތިބި އަދި އެވަގުތު ހުކުމް ތަންފީޒުކުރަން ނެރެފައި ތިބި ބައެކެވެ.

ފަހަރަކު މީހަކު ދަން ޖައްސާ މަރަމުން ގެންދިޔަ މަންޒަރު ޒަހްރާ އާއި ދެން އެ އެތަނުގައި ތިބި އެހެން މީހުންނަށް ރީތި ކޮށް ފެންނަ ކަމަށާއި އެ މަންޒަރު ފެނިފައި ބިރުން ގޮސް ޒަހްރާއަށް ހާޓް އެޓޭކެއް ޖެހި ވަގުތުން މަރުވީ ކަމަށް ވެސް އޭނާގެ ގާނޫނީ ވަކީލު ބުންޏެވެ.

މަރުވެފައި އޮއްވާ ވެސް ޒަހްރާގެ ހަށިގަނޑު ކަނު ބަނދެގެން ގެންގޮސް ދަންޖައްސާ މަޅިގަނޑަށް ބޯ މަހައި ދަން ޖެއްސި ކަމަށް ވެސް ގާނޫނީ ވަކީލު ބުންޏެވެ.

"އެމީހުން އެގޮތަށް ކަންތައް ކުރީ ޒަހްރާގެ ފިރިމީހާގެ މަންމަ ލައްވާ އޭނާ އަރުވާފައި ހުރި ގޮނޑި ވައްޓާލަން ވެގެން،" ގާނޫނީ ވަކީލު ބުންޏެވެ.

އިރާނުގައި މަރަން ހުކުމް ކުރާ މީހުން ދަން ޖައްސާ މަރާއިރު ގޮނޑިއަކަށް އަރުވާފައި ބޮލަށް މަޅި ފައްތާފައި މަރާލި މީހާގެ އެންމެ ގާތް މީހަކު ލައްވާ އެ ގޮނޑީގައި ކޮޅުފައިން ޖަހާ ގޮނޑި ވައްޓާލައިގެން އެމީހާ ދަން ޖައްސަ އެވެ. ވީމާ ޒަހްރާގެ މަރުވެފައިވާ މަސްގަނޑަށް ވެސް އެގޮތަށް ކަންތައް ކުރީ އެވެ.

ޒަހްރާ މަރުވި ސަބަބެއް ކަމަށް މަރުގެ ސެޓްފިކެޓްގައި ލިޔެފައިވަނީ "ހިތް ހުއްޓިގެން" ކަމަށެވެ. ގާނޫނީ ވަކީލު ބުނި ގޮތުގައި ޒަހްރާ ކުރި ކަމެއް ކުރީ އޭނާ އާއި ދަރިންގެ ދިފާއުގައި އެމީހުންގެ އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.