ބޮލީވުޑް

ކޮމޭޑިއަން ރާޖޫ: ގެއްލުނު އަލިގަދަ ތަރިއެއް

އިންޑިއާގެ އެންމެ މަޝްހޫރު ކޮމޭޑިއަނުންގެ ތެރޭގައި ހިމެނޭ ރާޖޫ ޝްރީވާސްތާވް ބުރާސްފަތި ދުވަހު ވަނީ މަރުވެފަ އެވެ.

އޭނާގެ މަރުން ބޮލީވުޑާއި ޓީވީގައި މަސައްކަތްކުރާ ފަންނާނުން ވަނީ ވަރަށް ބޮޑަށް ދެރަވެފަ އެވެ.

ރާޖޫ، 58، މަރުވީ ޖިމްގައި ކަސްރަތުކުރަން ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔަތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ރާޖޫގެ މޭގައި ކުއްލިއަކަށް ރިއްސަން ފެށީ ޖިމްގެ ޓްރެޑްމިލްގައި ދުވަން ހުއްޓަ އެވެ.

ރާޖޫ އަކީ 1980ގެ އަހަރު ތަކުން ފެށިގެން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ނަމަވެސް އޭނާގެ ކޮމެޑީ ހުނަރު މީހުންނަށް ފާހަގަކުރެވުނީ 2005 ގައި ޓީވީން ދެއްކި "ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް"ގެ ބައިވެރިއެއްގެ ގޮތުގައި އޭނާ ދެއްކި ޕާފޯމަންސުންނެވެ.

"މައިނޭ ޕިޔާރް ކިޔާ"، "އާމްދަނީ އަތައްނީ ކަރްޗާ ރުޕައްޔާ" އަދި "މައި ޕްރޭމް ކީ ދިވާނީ ހޫނ" ފަދަ ހިންދީ ފިލްމުތަކުގައި ވެސް ރާޖޫ މަސައްކަތް ކޮށްފައި ވެއެވެ. އަދި "ބިގް ބޮސް"ގެ ތިންވަނަ ސީޒަންގަޔާއި "ނަޗް ބަލިޔޭ 6" އާއި "ކޮމެޑީ ނައިޓްސް ވިތު ކަޕިލް"ގައި ވެސް ރާޖޫ ބައިވެރިވި އެވެ.

މިފަހަކުން އޭނާ ފެންނަމުން ދިޔައީ އިންޑިއާގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރި ސިޔާސީ މީހެއްގެ ގޮތުގަ އެވެ.