ލ. ގަމުގައި އާއިލީ މައްސަލައެއް ހިނގިފަހުން ދަރިފުޅު ގޮވައިގެން މަންމަ "ފިލައިގެން" ދިޔަ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ކުޑަކުއްޖަކު ގެއްލިގެން އުޅޭ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީއާ އަވަސް އިން ސުވާލުކުރުމުން ވިދާޅުވީ އެ މައްސަލަ އަކީ އާއިލީ ކަމެއްގެ ތެރެއިން ހިނގައިގެން އުޅޭ މައްސަލައެއް ކަމަށެވެ. އެހެންވެ އެ މައްސަލައިގައި އިތުރަށް ވާހަކަދައްކަވަން ޒަކީ އުޒުރުވެވަޑައިގެންނެވި އެވެ.
"އެފަދަ މައްސަލައެއް ވީމާ އެކަމުގައި އެ އާއިލާ އިން އެއްޗެއް ބުނަންވާނީ" ޒަކީ ވިދާޅުވި އެވެ.
އަވަސް އިން ކުއްޖާގެ ބައްޕައަށް ގުޅުމުން ބުނީ ނުވަ އަހަަރުގެ ދަރިފުޅު ގޮވައިގެން މަންމަ "ފިލައިގެން" ގޮސްފައިވާ ކަމަށާއި ދިޔަ ތަނެއް އެނގިފައި ނުވާ ކަމަށެވެ.
ބައްޕަ ބުނީ ދަރިފުޅު ގޮވައިގެން މަންމަ ދިޔައީ ކުއްޖާގެ ބެލެނިވެރިކަން ނުވަތަ ހަޟާނާތާ ގުޅޭ މައްސަލައެއް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.
"ދަރިފުޅު މަންމަ ދަރިފުޅު ގޮވައިގެން ފިލީ ގަމުގައި ހުންނަ ޖެންޑަ އޮފީހުގައި އިންދާ. އޮޅުވާލުމެއްގެ ތެރެއިން ކުއްޖާގެ ނުރުހުމުގައި އެ ގެންދިޔައީ،" ބައްޕަ ބުންޏެވެ.
ކުއްޖާގެ މަންމަގެ ބަހެއް ހޯދުމަށް އަވަސް އިން ކުރި މަސައްކަތުން ކުއްޖާގެ މަންމަގެ ބަހެއް އަދި ޖެންޑާ މިނިސްޓްރީގެ ރަސްމީ ބަހެއްވެސް ލިބޭ ގޮތެއް ނުވި އެވެ.
ދަރިފުޅު ގޮވައިގެން ކުއްޖާގެ މަންމަ "ފިލައިގެން" ދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ފުލުހުންގެ ބަހެއްވެސް އަވަސް އަށް ލިބޭ ގޮތެއް ނުވި އެވެ.