އުތުރު ކޮރެއާ ދުވަހަކު ވެސް ރަޝިއާއަށް ހަތިޔާރު އަދި ހަތިޔާރާ ގުޅުންހުރި އެކައްޗެއް ވެސް އެކްސްޕޯޓް ކޮށްފައި ނުވާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރަޝިއާއަށް ހަތިޔާރު ވިއްކުމަކީ އުތުރުން ވިސްނާފައި އޮތް ކަމެއް ނޫން ކަމަށް ވެސް އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނެ އެވެ.
އުތުރުން މިހެން ބުނެފައިވާއިރު ޔުކްރޭން ހަނގުރާމަ ފުޅާކުރުމަށް ރަޝިއާއަށް ހަތިޔާރު ބޭނުންވާ ކަމަށް ވަނީ ވާހަކަދެކެވިފަ އެވެ. އަދި އުތުރު ކޮރެއާއިން ހަތިޔާރު ގަތުމަށްޓަކައި ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން އުތުރަށް ދަތުރުކުރަން އުޅޭ ކަމަށްވެސް ވަނީ އަޑުފެތުރިފަ އެވެ.
އެމެރިކާއަށް ލިބިފައިހުރި ޖާސޫސީ މައުލޫމާތާ ހަވާލާދީ އެ ގައުމުން ކުރިން ބުނި ގޮތުގައި ރަޝިއާގެ މިނިސްޓްރީ އޮފް ޑިފެންސާއި އުތުރު ކޮރެއާއާ ދެމެދު އަސްކަރީ މުއާމަލާތްތަކެއް ދަނީ ކުރަމުންނެވެ.
ދެ ގައުމުގެ ދެމެދުގައި ދެކެވޭ ވާހަކަތައް ކޮޅެއްގައި ޖެހިއްޖެނަމަ އުތުރު ކޮރެއާއިން އަސްކަރީ ހަތިޔާރު ރަޝިއާ ގަންނާނެ ކަމަށްވެސް އެމެރިކާއަށް ލިބިފައި ހުރި އިންޓެލިޖެންސް މައުލޫމާތުން އެނގޭ ކަމަށް އެގައުމުން ބުނެ އެވެ.
ރަޝިއާ އާއި އުތުރު ކޮރެއާއާ ދެމެދު ހަދާ އެއްބަސްވުމުގެ ދަށުން ރޮކެޓާއި ވަޒަނާއި އަދި އަސްކަރީ އެހެނިހެން ސާމާނު ރަޝިއާ އަށް އިމްޕޯޓްކުރާނެ ކަމަށްވެސް އެމެރިކާ ބުންޏެވެ.
އެސޯސިއޭޓް ޕްރެސްއަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ރަޝިއާއިން ހަތިޔާރު ހުސްވާކަން އެމެރިކާއަށް އޮތީ އެނގިފަ އެވެ. އެހެންކަމުން އެހާ ގިނައިން ހަތިޔާރު ހޯދުމަކީ ޔުކްރޭން ހަނގުރާމަ އަދިވެސް ނިންމަން ރަޝިއާ ބޭނުންނުވާ ކަމުގެ ހެއްކެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޔުކްރޭން ހަނގުރާމަ ފެށި ދުވަހުން ފެށިގެން ވެސް އުތުރު ކޮރެއާ އޮތީ ރަޝިއާއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އަދި ރަޝިއާ އެދިއްޖެނަމަ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.