ފެނަކަ ކޯޕަރޭޝަންގައި އޮތީ 1.2 ބިލިއަން ރުފިޔާގެ ދަރަނި ކަމަށާއި ދަރަނި ދެއްކުމަށް އެއްވެސް ގޮންޖެހުމެއް މިވަގުތު ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ ރަށްރަށުގައި ހުރި މިފްކޯގެ އައިސްޕްލާންޓްތަކާ ފެނަކަ އިން ހަވާލުވުމަށްފަހު މިއަދު ނޫސްވެރިންނާ އެކު ފެނަކައާއި މިފްކޯގެ އިސްވެރިން އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ފެނަކައިގެ ދަރަނީގެ ހާލަތާއި ސައީދަށް އަމާޒުވާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާ ގުޅޭގޮތުން ސައީދު މިިއަދު ވާހަކަދައްކަވާފައި މިވަނީ އަވަސް އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ފެނަކައިގެ ދަރަނިތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އޭނާ 2018 ވަނަ އަހަރުގެ ޑިސެމްބަރުގައި ފެނަކައާއި ހަވާލުވެވަޑައިގެންނެވިއިރު އެ ކުންފުނީގައި 1.4 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އޭނާ ހަވާލުވެވަޑައިގަތުމުގެ ކުރިއަށް ހިނގާދިޔަ އަށް އަހަރުގެ ތެރޭގައި އޭރު ދަރަނީގެ ގޮތުގައި އޮތް 1.4 ބިލިއަން ރުފިޔާގެ 10 އިންސައްތައަށް ވެސް ކެޕިޓަލް އިންވެސްޓްމަންޓަށް ކުންފުނިން ހަރަދުކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެެއީ އެއްވެސް ބަޔަކަށް އޮޅުވާލެވޭނެ އެއްޗެއް ނޫން. ހަމަ ފޮތުގައި ލިޔެވިފައި ހުރީ ކަޅާއި ހުދުން، ލިޔެވިފައި ހުރި އެއްޗެއް އެއީ. 1.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އެނގޭތޯ." އޭނާ ހަވާލުވެވަޑައިގެންނެވިއިރު ފެނަކަ އޮތް ހާލަތު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ފެނަކައިގެ ދަރަނި މިއަދު ދައްކަމުން ކެޕިޓަލް އިންވެސްޓްމަންޓަށް މުޅި ރާއްޖޭގައި ތިން ބިލިއަން ރުފިޔާ އެ ކުންފުނިން އިންވެސްޓްކޮށްފައިވާ ކަމަށެވެ. ކުންފުނީގައި ދަރަނި އޮތުމުން އެކަން އުޒުރަކަށް ހަދައި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ނުދީ ނުތިބެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުޅި ދުނިޔޭގެ އިގްތިސޯދަށް ދިމާވާ ހާލަތެއް އެ ކުންފުންޏަށްވެސް ދިމާވާނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް އަދި މިހާރުވެސް ދަރަނި ހަލާސްކުރުމަށް ވީވަރަކުން އެ ކުންފުނިން ފައިސާ ދައްކާ ކަމަށެވެ.
ކަރަންޓުގެ ހިދުމަތް ދިނުމުގެ އިތުރުން ރާއްޖޭގެ 73 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މިވަގުތުވެސް އެކުންފުނިން ކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. އެއީ އެއްވެސް ބައެއްގެ އަތުން ފައިސާ ހޯދައިގެން ކުރާ މަސައްކަތެއް ނޫން ކަމަށާއި އަދި އެ މަސައްކަތަށް އެކަނި މަހަކު 27 މިލިއަން ރުފިޔާވަރު ހަރަދުކުރާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުވިސްނޭ އެ ދަރަނީގެ ވާހަކަ އެ ދައްކަނީ ކޮން މަގުސަދެއްގައި ކަމެއް. ދަރަނި ނެތީ ކޮން ކުންފުންޏެއްގައިތޯ؟ ދަރަނި ނެތީ ކޮން ބައެއްގެ އަތުގައިތޯ؟ އަޅުގަނޑުމެންނަށް ވެވުނު ވަރަކުން އަޅުގަނޑުމެންގެ ސަރުކާރަށް ގާބިލްކަން ލިބިގެންވާ މިންވަރަކުން ދަރަނި ދައްކަމުން އަންނަނީ،" ސައީދު ވިދާޅުވި އެވެ.
ތަކުރާރުކޮށް ސައީދުއަށް ކޮރަޕްޝަންގެ ތުހުމަތުކުރެވެނީ ކީއްވެގެންތޯ އަވަސް އިން ސުވާލުކުރުމުން ސައީދު ވިދާޅުވީ ބަޔަކު އެފަދަ ތުހުމަތުތަކެއް ކުރަނީ ކުރީގައި ފެނަކަ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ގޮތަށް މިއަދު އެ ކުންފުނީގައި އެކަން ނުކުރެވޭތީ ކަމަށެވެ. ފެނަކަ ކުންފުންޏަކީ ވެސް މިއަދުގެ ސަރުކާރަކީވެސް ކޮރަޕްޝަނާއި ވައްކަމުން އަމަލުތައް ހިންގާނެ ބައެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
"އިންސާނާގެ ތޮބީއަތަކީ އިންސާނާގެ އަތުގައި އޮތް އެއްޗެއް ނިގުޅައިގަނެވެއްޖިއްޔާ އަދި ބޭނުން ނުކުރެވޭ ހާލަތެއް އަތުވެއްޖިއްޔާ އެވާހަކަދައްކާނެ. އަސްލު ހަގީގަތަކީ ފެނަކައަށް އަމާޒުވާ އަމާޒުވުން ތަކަކީ މާޒީގައި މިތަނުގައި ކުރި ކަންކަން ނުކުރެވޭތީ، އެއީ ކޮރަޕްޝަން، އެއީ ވައްކަން. އެއީ ޖަވާބަަކީ އެނގޭތޯ،" ސައީދު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ވާހަކަ އޭނާއާ ގުޅުވައި ބަޔަކު އަބަދު ދައްކަނީ އެބައެއްގެ "ހިތަށް ކުރާ ތަދަކުން ހިތަށް ކުރާ އަސަރަކުން" ކަމަށްވެސް ސައީދު ވިދާޅުވެފައިވެ އެވެ.
ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް ކަމަށް އިންތިހާބުވެފައިވާ އިބްރާހީމް ވަހީދު (އިބްރޭ) ފެނަކަ އިން އިސްތިއުފާ ދެއްވަމުން ސައީދުއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެ އެވެެ. އެ ތުހުމަތުތައްވެސް ސައީދު ދޮގުކުރައްވަ އެވެ.