ރައީސް އޮފީސް

ނުކުޅެދޭ މީހުންނަށް ސިވިލް ސާވިސް ވަޒީފާ ހޯދައިދެނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިވިލް ސާވިސްގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސިވިލް ސާވިސް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މިއުވާން ވިދާޅުވީ ސިވިލް ސާވިސްގެ ތެރެއިން ވަޒީފާ ފަހިކުރުމަށް ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ސިވިލް ސާވިސްގެ ގަވާއިދު މިހާރު އޮތް ގޮތުން ދިމާވާ ދަތިތަކެއް ހުރުމުން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައިވެސް ހުނަރުވެރިން ތިބިކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އެފަދަ ހުނަރު ބޭނުން ހިފޭނެ ދާއިރާތަކުން ވަޒީފާ ހޯދައިދިނުމުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ކުރީގެ ސަރުކާރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ޕްރޮގްރާމެއް ފެށި ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ "ނަމަކަށް" ކަމެއް ފެށިތަން ކަމަށާއި އެކަން ކުރީ ފޮޓޯގަނޑެއް ނަގަން ކުރިކަމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު، އަދި އެ ފަރާތްތަކަށް ކުރެވޭނީ ކޮންކަހަލަ ކަމެއްތޯ ކުރީގެ ސަރުކާރުން ބަލާފައި ނުވާ ކަމަށް މިއުވާން ތުހުމަތުކުރެއްވި އެވެ.

މިމަހު ކުރިއަށް ދިޔަ ވިއަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވެ އެވެ.