ހަބަރު

ހާބަރު ކަޑަތައް ނަގައި ޒަމާނީ ފުޑް ކޯޓުތަކެއް ހަދަން އެސްޓީއޯއަށް!

  • އެ މަސައްކަތް ހިންގަނީ އެސްޓީއޯގެ އަމިއްލަ ހަރަދުގައި
  • އެ ސަރަހައްދުގައި ހުންނާނީ 25ހަކަށް ފުޑްކޯޓް
  • ސަރަހައްދު އިތުރަށް ހިތް ފަސޭހަވާނެ

ހާބަރު ސަރަހައްދުގައި ހުރި ކަޑަތަށް ބަދަލުކޮށް ޒަމާނީ ފެންވަރުގެ ފުޑްކޯޓުތަކެއް ތަރައްގީ ކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފި އެވެ.

މާލޭ ހުޅަނގު ދެކުނު ސަރަހައްދުގައި ހުރި ހާބަރު ކަޑަތަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ އިރު މީގެ ކުރިން ވަނީ ކަޑަތަށް ކުރިމަތީ އޮންނަ ހުސް ބިން ހިއްގައިމު ޕާކެއް ގޮތަށް ތަރައްގީ ކޮށްފަ އެވެ. އެގޮތުން ހާބަރު ކަޑަތަށް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީ އިން މިއަދު ވަނީ އެސްޓީއޯއާއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ.

މިމަޝްރޫއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބު ވިދާޅުވީ ހާބަރު ކަޑަތައް މިހާރު ހުންނަނީ އެންމެ އެކަށީގެންވާ ފެންވަރަކަށް ނޫން ކަމަށާއި އެތާގެ ކުރިމަތީ އޮތް ބިން ބޮޑު ޕާކެއް ގޮތަށް ތަރައްގީ ކުރުމާއި ގުޅިގެން ކަޑަތަށް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ހާބަރު ސަރަހައްދުގައި ހުރި ޕާކު ތަރައްގީ ކުރަން އުޅުމުން ގިނަ ބަޔަކު ބުނި އެ ޕާކަށް އަންނާނެ ބަޔަކު ނުވާނެ ވާހަކަ. ނަމަވެސް އެކަން ދިޔައީ ވަރަށް ކާމިޔާބުކޮށް. ނަމަވެސް މިހާރު އެޕާކުތަށް ބަދަލު ކުރުމާ ގުޅިގެން ހާބަރު ކަޑަތަށް އެ ހުންނަނީ އެންމެ ރަނގަޅު ފެން ވަރަކަށް ނޫން. އެހެންވެ ފުޑް ސްޓޯތަށް ވެސް ބަދަލުކޮށް ޑިޒައިން ކުރުމަށް ވަނީ ނިންމާފަ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ގޮތުގައި ހާބަރު ކަޑަތަށް ތަރައްގީ ކުރެވިގެން އަންނަ އިރު އެތަނަށް އަމީނީ މަގުންނާއި އެތެރޭގައި އޮންނަ މަގުން ވެސް ވަދެވޭނެ ކަމަށާއި އަދި ސައިކަލާއި ކާރު ޕާކު ކުރުމަށް ދެ ފަރާތުގައި ރޮޓަރީ ޕާކިން ސިސްޓަމެއް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި އަންހެން ފިރިހެން ވަކިން ފާހަނަ ބަރިއެއް ވެސް އެތާންގައި ހުންނާނެ ކަމަށް ހަބީބު ވިދާލުވި އެވެ.

މުޅިއަކު 30،000 އަކަ ފޫޓުގެ ސަރަހައްދުގައި މިހާރު 40 ކެފޭ ހުންނަ އިރު ހަބީބު ވިދާޅުވީ ތަރައްގީ ކޮށް ނިމޭ އިރު ހުންނާނީ 25 ނުވަތަ 27 ފުޑް ކޯޓު ކަމަށެވެ. ނަމަވެސް ކަސްޓަމަރުންގެ ކެޕޭސިޓީ އިތުރުވެ ބަދިގެ ސަރަހައްދު ތަނަވަސް ވެގެން ދާ ނެ ކަމަށާއި އެ ސަރަހައްދު ހިއްފަސޭހަ ތަނަަށް ވެގެން ދާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

މިޕްރޮޖެކްޓު އެސްޓީއޯ އިން ކުރަނީ އެކުންފުނީގެ ހަރަދުގަ އެވެ. ނަމަވެސް އެކަމަށް އަރާނެ ހަރަދެއް ސާެއް ނުވި އެވެ. ހައުސިން މިނިސްޓްރީ އިން އެސްޓީއޯ އާ މި މަސައްކަތް ހަވާޅުކުރެވުނީ ހަ މަސް ދުވަސް ތެރޭގައި ނިންމުމަށެވެ.