ހަކުރު ބައްޔަކީ މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު ތަހައްމަލުކުރަމުންދާ ބައްޔެކެވެ.
އިނގިރޭސިވިލާތުގައި އެކަނިވެސް އުމުރުން 40 އަހަރުން މަތީގެ 10 މީހުންގެ ތެރެއިން އެކަކީ ޓައިޕް 2 ޑައިބެޓީސް ނުވަތަ ބޮޑެތި މީހުންނަށް އާއްމުކޮށް މި ޖެހޭ ހަކުރުބަލި ހުންނަ މީހުންނެވެ. ހަކުރުބަލި ޖެހިފައި ތިބޭ މީހުންގެ ލޭގައި ހަކުރު އެކުލެވޭ މިންވަރު އާދަޔާޚިލާފަށް ގިނަ އެވެ.
ނަމަވެސް ލޭގައި ހުންނަ ހަކުރުގެ މިންވަރު 50 ޕަސެންޓް ދަށްކޮށްދޭ ތަރުކާރީއެއް އެނގޭ ހެއްޔެވެ؟ މިއީ އާއްމުކޮށް އަހަރެމެން ކެއުމުގައި ބޭނުންކުރާ އެއްޗެއް ނަމަވެސް މީގެ ކުރިން ގިނަ ބަޔަކަށް މި ތަރުކާރީ އަކީ ހަކުރުބައްޔަށް މިހާ ފައިދާ ބޮޑު ތަރުކާރީއެއް ކަމެއް އެނގިފައެއް ނެތެވެ. ސަބަބަކީ ސައިންސްވެރިންނަށް ވެސް މި ތަރުކާރީގެ ފައިދާ ހޯދުނީ ވަރަށް ފަހުން ކަމަށް ވާތީ އެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ތަރުކާރީ ބޭނުންކޮށްގެން ހަކުރު ބައްޔަށް އެކަށީގެންވާ ފަރުވާއެއް ހޯދިދާނެ އެވެ.
ޓައިޕް 2 ޑައިބެޓީސް ޖެހިފައިވާ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރެވޭ ވަރަށް އެ މީހާގެ ޕެންކްރިއަސް އިން އިންސިއުލިން އުފައްދައި ނުދެ އެވެ. އެހެންވެ ލޭގައި ހަކުރު އެކުލެވޭ މިންވަރު ނުރައްކާ މިންވަރަކަށް އިތުރުވާ ފަހަރު އަންނަނީ އެވެ.
ސެން ޑިއޭގޯގައި އޮތް ދަ އެންޑޯކްރައިން ސޮސައިޓީގެ 97 ވަނަ އަހަރީ ބައްދަލުވުމަށް ހުށަހަޅާފައިވަނީ 2015ގައި ސައިންސްވެރިން ހޯދާފައިވާ މިކަމާ ގުޅޭ ހޯދުމެއްގެ ނަތީޖާ އަލުން ދިރާސާ ކުރުމަށްފަހު މި މަހުގެ ކުރީކޮޅު އެވެ.
މި ރިޕޯޓު ބުނާ ގޮތުގައި ފިޔާ ދިޔަ އަކީ ވަރަށް ބޮޑަށް ހަކުރު ދަށްކޮށްދޭ އެއްޗެކެވެ.
"ހަކުރު ބަލީގެ މީހުންނަށް އާއްމުކޮށްދޭ ބޭހެއް ކަމަށްވާ މެޓްފޯމިން ކާން ދެމުން އިތުރަށް ފިޔާދިޔަ ދިނުމުން، ހައި ބްލަޑް ޝުގާ އަދި ޓޯޓަލް ކޮލެސްޓްރޯލް ލެވެލް ވަރަށް ބޮޑަށް ދަށްވޭ،" ރިޕޯޓުގައި ވެއެވެ.
ނައިޖީރިއާގެ އަބްރާކާގައި ހުންނަ ޑެލްޓާ ސްޓޭޓް ޔުނިވަސިޓީގެ ސައިންސްވެރިޔާ އެންތަނީ އޮޖީއާ އަކި މި ދިރާސާ ރިޕޯޓު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އެވެ.
"ފިޔައަކީ ވަރަށް އަގުހެޔޮކޮށް އަބަދުވެސް ލިބެންހުންނަ އެއްޗެއް. އަދި ކެއުމުގައި އާއްމުކޮށް ބޭނުންކުރާ އެއްޗެއް. ހަކުރުބަލީގެ މީހުންނަށް ފިޔައިން އެކަށީގެންވާ ރަނގަޅު ފަރުވާއެއް ހޯދިދާނެ،" އޭނާ ވިދާޅުވި އެވެ.
މި ދިރާސާގައި ސައިންސްވެރިން ބޭނުންކުރީ މީދާ ތަކެކެވެ. މި މީދާތަކަށް ބޭހެއް ދީގެން އެސޮރުމެންގެ ހަށިގަނޑަށް ހަކުރުބަލި ޖެއްސި އެވެ. އަދި މީދާތައް ތިން ގްރޫޕަކަށް ބަހާލައި ފިޔާދިލައިގެ އެކި ވަރުގެ ޑޯޒްތައް އެކި ގްރޫޕަށް ދިނެވެ. ހަކުރުބަލީގެ ބޭހާ އެކުގަ އެވެ.
ދެން މި ތިން ގްރޫޕުން ވަކިން ޓެސްޓުކޮށް އެންމެ ރަނގަޅު ނަތީޖާ ނެރެވުނީ ކޮން ބަޔަކަށްތޯ ބެލި އެވެ.
މީދަލުގެ ތިން ގްރޫޕަށް ދިނީ އެސޮރު މެންގެ ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 200 މިލިގްރާމް، 400 މިލިގްރާމް އަދި 600 މިލިގްރާމް ތަރުތީބުންނެވެ. އަދި މި ތިން ގްރޫޕް ފިޔަވައި އެއްގޮތަކަށް ވެސް ހަކުރުބަލި ނެތް ގްރޫޕަކަށް ވެސް ބޭހާއި ފިޔާދިޔަ ދިނެވެ.
ދެން މި ސޮރުމެންގެ ހަކުރު ހުރި މިންވަރު ބެލިއިރު އެސޮރުގެ ހަށިގަނޑުގެ ބަރުދަނަށް 400 ގްރާމް ފިޔާދިޔަ ދިން މީދާތަކުގެ ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ވަނީ 50 ޕަސެންޓް ދަށްވެފަ އެވެ. އަދި ފިޔާ ދިޔަ ދިން ނިސްބަތުން ކޮންމެ ގްރޫޕެއްގެ މީދާތަކުގެ ހަށިގަނޑުން ވެސް ހަކުރުގެ ބައި ދަށްވެފައިވާކަން ފާހަގަކުރެވުނެވެ.
އޮނިއަން އެކްސްޓްރެކްޓުން ހަމައެކަނި ހަކުރު ދަށްކުރެވުނީކީ ނޫނެވެ. މި އެއްޗެތި ދިން މީދާތަކުގެ ހަށިގަނޑުގައި ހުރި ކޮލެސްޓްރޯލް ވެސް ދަށްވެފައި ވެއެވެ.
މި ދިރާސާގައި ހޯދުނު އިތުރު އަނެއް ކަމަކީ ހަކުރުބަލި ނެތް މީދާތަކަށް ފިޔާދިޔަ ދިނުމުން އެ ސޮރުމެންގެ ބަރުދަން އިތުރުވެފައިވާ ކަމެވެ. ނަމަވެސް ހަކުރުބަލި ޖެހިފައި ތިބި މީދާތަކުގެ ބަރުދަން އިތުރެއް ނުވެ އެވެ.
"ފިޔައަކީ އެހާ ކެލޮރީޒް ގިނަ އެއްޗެއް ނޫން. ނަމަވެސް އޭގެން މެޓަބޮލިކް ރޭޓް އިތުރުވޭ. އެހެންވެ ކާހިތްވާލެއް އިތުރުވެ މާ ގިނައިން ކެވޭތީ ބަރުދަން އިތުރުވީ،" ސައިންސްވެރިޔާ ބުންޏެވެ. އަދި މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް އޭނާ އެއްބަސްވި އެވެ.