ކުޅިވަރު

ނޭޝަންސް ލީގު: ރެލިގޭޝަނުގެ ބިރުން ފްރާންސް ސަލާމަތްވެއްޖެ

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-2 އިން އޮސްޓްރިއާ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ފްރާންސް ރެލިގޭޝަނުގެ ބިރުން ސަލާމަތްވެއްޖެ އެވެ.

ނޭޝަންސް ލީގުގެ ޕޮޓް އޭގައި ހިމެނޭ ހަތަރު ގްރޫޕުގެ ތެރެއިން ފައިނަލް ބުރަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމެވެ. ފުލަށް ދާ ޓީމު، ދެން އޮންނަ ނޭޝަންސް ލީގުގައި ވާދަކުރަން ޖެހޭނީ ދެ ވަނަ ފަންތީގަ އެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތީ ރޭ އަމިއްލަ ދަނޑުގައި 1-2 އިން ޑެންމާކް ބަލިކުރި ކްރޮއޭޝިއާ އެވެ. އެޓީމަށް 10 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ޑެންމާކަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ފްރާންސް ފަސް ޕޮއިންޓުގައި އޮތްއިރު ފުލުގައި އޮސްޓްރިއާ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ގްރޫޕްގެ ފަހު މެޗުގައި ފްރާންސް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. ކްރޮއޭޝިއާ ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. ކްރޮއޭޝިއާ އަތުން އޮސްޓްރިއާ އަށް މޮޅެއް ނުލިބިއްޖެ ނަމަ ލީގުން އެގައުމު ރެލިގޭޓްވާނެ އެވެ. އޭރުން ފްރާންސަށް ލީގުގައި ދެމިއޮތުމުގެ ފުރުސަތު ލިބޭނެ އެވެ.

ރޭގެ މެޗުގައި ފްރާންސްގެ ފުރަތަމަ ގޯލު 56 ވަނަ މިނެޓުގައި ޖެހީ ކިލިއަން އެމްބާޕޭ އެވެ. ފަހު ގޯލު އޭގެ ދިހަ މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫޑް އެވެ.

ޖިރޫޑް ވެފައިވަނީ ފްރާންސްގެ ތާރީހުގައި އެގައުމަށް ގޯލު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. ރޭ ގޯލު ޖެހިއިރު އޭނާގެ އުމުރަކީ 35 އަހަރާއި 357 ދުވަހެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 1959 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސްޕެއިން ކޮޅަށް ގޯލު ޖެހި ރޮޖާ މާޗް އަތުގަ އެވެ.

ކާމިޔާބު ފޯވާޑް ޖިރޫޑް ފްރާންސަށް ޖެހި ގޯލުގެ އަދަދު ވަނީ 49 އަށް އަރައިފަ އެވެ. ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ 51 ގޯލު ޖަހާފައިވާ ކުރީގެ މަޝްހޫރު ފޯވާޑް ތިއެރީ އޮންރީ އެވެ. ވޯލްޑް ކަޕަކީ އޮންރީގެ ރެކޯޑް މުގުރާލަން ޖިރޫޑަށް ލިބޭ ފުރުސަތެކެވެ.
ކްރޮއޭޝިއާ އިން ރޭ ޑެންމާކް ބަލިކުރި މެޗުގެ ފުރަތަމަ ގޯލު ޖެހީ ބޯނާ ސޯސާ އެވެ. މިއީ ކްރްއޭޝިއާ އަށް ސޯސާ ޖަހައިދިން ފުރަތަމަ ގޯލެވެ. ކްރޮއޭޝިއާ ލީޑު ނަގާފައިވަނިކޮށް ކްރިސްޓިއަން އެރިކްސެންގެ ގޯލުން ޑެންމާކް ނަތީޖާ ހަމަހަމަކުރި އެވެ. ކްރޮއޭޝިއާ މޮޅުވި ގޯލު ޖަހައިދިނީ ލޮވްރޯ މަޔާ އެވެ.

ނޭޝަންސް ލީގުގެ ފަހު މެޗުތައް މި ހަފްތާ ކުޅޭއިރު މި ގްރޫޕުގެ އެއް ވަނަ ހޯދުމުގެ އަމިއްލަ ބާރު އޮތީ ކްރޮއޭޝިއާ އަށެވެ.