ކުޅިވަރު

ޕޮލެންޑް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރާ ގާތަށް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި 2-0 އިން ޕޮލެންޑް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

ގްރޫޕުގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. 10 ޕޮއިންޓާއެކު ދެވަނައިގައި އޮތް ބެލްޖިއަމް ރޭ ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ވޭލްސް ބަލިކޮށްފަ އެވެ. ހަތަރު ޕޮއިންޓާ އެކު ޕޮލެންޑް ތިންވަނައިގައި އޮތްއިރު ޕޮއިންޓަކާ އެކު ފުލުގައި އޮތް ވޭލްސް އަށް މިހާރު ވަނީ ރެލިގޭޝަނުގެ ބިރާ ކުރިމަތިލާންޖެހިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަރަމުން އަންނަ ތަރި ކޯޑީ ގަކްޕޯ އެވެ. ދެވަނަ ހާފުގައި ނެދަލެންޑްސް އަށް ލީޑު ފުޅާކޮށްދިނީ ސްޓީވެން ބާގްވައިން އެވެ.

ލުއީ ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާ އަލުން ހަވާލުވެ އެޓީމުގެ ނަތީޖާތައް ވަނީ ރަނގަޅުކޮށްފަ އެވެ. ނޭޝަންސް ލީގުގައި މިފަހަރު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު އެޓީމު ކާމިޔާބު ކުރިއިރު ޖޫން މަހު ބެލްޖިއަމް އަތުން އެޓީމު ވަނީ 1-4 އިން މޮޅުވެފަ އެވެ.

މި ގްރޫޕުގައި ރޭ ބެލްޖިއަމުން ވޭލްސް ބަލިކުރިއިރު ގޯލުތައް ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާ އާއި މިޝީ ބަޓްޝުއާޔީ އެވެ. މެޗުގައި ގޯލު ޖެހުމުގެ އިތުރުން ޑި ބްރޭނާ ވަނީ ބަޓްޝުއާޔީގެ ގޯލަށް އެސިސްޓް ވެފަ އެވެ.

ގްރޫޕްގެ ފަހު މެޗުތަކުގައި ނެދަލެންޑްސް އާއި ބެލްޖިއަމް ވާދަކުރާއިރު ވޭލްސް ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. ބެލްޖިއަމް މެޗު އެއްވަރުކޮށްލައިގެން ވެސް ނެދަލެންޑްސް އަށް ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ. އަނެއްކޮޅުން ނޭޝަންސް ލީގުން ރެލިގޭޓް ނުވެ ވޭލްސް ސަލާމަތްވާނީ ޕޮލެންޑް ބަލިކޮށްގެންނެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކަޒަކިސްތާނުން ވަނީ 1-2 އިން ބެލަރުސް ބަލިކޮށްފަ އެވެ. ތުރުކީ އާއި ލަގްޒެމްބާގް ކުޅުނު މެޗު 3-3 އިން އެއްވަރުވިއިރު ސްލޮވާކިއާ ވަނީ އަމިއްލަ ގައުމުގައި އަޒަރުބައިޖާން އަތުން 2-1 އިން ބަލިވެފަ އެވެ.