ކުޅިވަރު

އިންގްލެންޑަކީ އެންމެ މޮޅު އެއް ޓީމު: މަންޗީނީ

ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން، އިންގްލެންޑަކީ ދުނިޔޭގައި އެންމެ މޮޅު އެއް ގައުމު ކަމަށް ބުނެ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ތައުރީފް ކޮށްފި އެވެ.

ނޭޝަންސް ލީގުގައި މި ދެޓީމު ހިމެނޭ ގްރޫޕުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މަޝްހޫރު ޖަރުމަނާއި އިންގްލެންޑް އަދި އިޓަލީ ހިމެނޭ ގްރޫޕުގެ އެއް ވަނައިގައި މިވަގުތު އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ހަންގޭރީ އެވެ. ދެ ވަނައިގައި އޮތް ޖަރުމަނަށް ހަ ޕޮއިންޓް ލިބިފައިވާއިރު އިޓަލީ ތިން ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ދެ ޕޮއިންޓާ އެކު ފުލުގައި އޮތް އިންގްލެންޑަށް ހަތަރު މެޗުން މޮޅެއް ނުލިބެ އެވެ.

މިރޭ ރަށުން ބޭރުގައި އިޓަލީ އަތުން ބަލިވެ ނުވަތަ އަންނަ އާދީއްތަ ދުވަހު އަމިއްލަ ގައުމުގައި ޖަރުމަނު އަތުން ބަލިވެއްޖެ ނަމަ އިންގްލެންޑް ދެ ވަނަ ފަންތީގެ ލީގަށް ރެލިގޭޓްވާނެ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިޓަލީގެ ކޯޗު މަންޗީނީ ބުނީ އިންގްލެންޑަކީ ޔޫރޯ 2020 ގައި މޮޅު ކުޅުމެއް ދެއްކި ޓީމެއް ކަމަށާއި، އޭގެ ކުރިން ވެސް އެގައުމު ފުޓްބޯޅައިގައި މޮޅު ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި އިންގްލެންޑަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޓީމު. އެޓީމުގައި އޮތީ ހުސް ހުނަރު. ހާއްސަކޮށް އެޓޭކުގައި. ހެރީ ކޭން އަކީ އާދަޔާ ހިލާފު ކުޅުންތެރިއެއް. އޭނާއާ އެކު ކުޅޭ ޒުވާން ކުޅުންތެރިންނަކީ ވެސް ތަފާތު ގެނެވޭނެ ކުޅުންތެރިން. އެހެންވެ މިރޭގެ މެޗު އުނދަގޫވާނެ" މަންޗީނީ ބުންޏެވެ.

މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިކޮށްގެންނެވެ. އެ މުބާރާތަށް ފަހު ފޯމު ދަށްވެ މިއަހަރުގެ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތެއް ނުލިބުނެވެ. އެކަމަކު ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅޭނެ އެވެ.

މެޗުގެ ކުރިން އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ކެރިއަރުގައި ދަށް ނަތީޖާތަކާ އޭނާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެއީ ކުރިއަށް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ހުރީ ކުޅުމާ ދުރުގަ އެވެ. އެކަމަކު އަނިޔާ އިން ރަނގަޅުވެ ޖަރުމަނު މެޗުގައި ހެންޑަސަނަށް ކުޅެވޭނެ އެވެ. ހެންޑަސަން އަށް މިފަހަރު ޓީމުން ފުރުސަތު ދިނީ އެ މަގާމަށް ކުޅޭ ކެލްވިން ފިލިޕްސް އަށް އަނިޔާ ވުމުންނެވެ.

ނޭޝަންސް ލީގުގައި މިރޭ އިޓަލީ އާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ 11:45 ގަ އެވެ. ހަމަ އެގަޑީގައި މި ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ ޖަރުމަނާއި ހަންގޭރީ ވާދަކުރާނެ އެވެ.