މޯލްޑިވްސް ޕޮލިސް ސާވިސް

ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

Sep 23, 2022

ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރުކުރި ދެމަފިރިން ދޫކޮށްލައިފި އެވެ.

މި ދެ މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދިނެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށްވެސް ބުނެފައިވެ އެެވެ.

ބޮމެއް އޮތް ކަމަށް ބުނެ ދިވެހި ދެމަފިރިން ގަން އެއާޕޯޓްގައި ހުރެ ވާހަކަދެއްކުމުން މި ދެ މީހުން ހައްޔަރުކުރީ އިއްޔެ އިރުއޮއްސެނިކޮށް އެއާޕޯޓުންނެވެ.

ހައްޔަރުކުރީ 58 އަހަރުގެ އަންހެނަކާއި 61 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުން ހައްޔަރުކުރީ އެ މީހުން ގެންގުޅުނު ކުޑަ ދަބަހެއް އެއާޕޯޓް ސެކިއުރިޓީ އޮފިސަރުން ޗެކް ކުރަން ފެށުމުން އެ ދަބަހުގައި "ބޮމެއް" އޮންނާނެ ކަމަށް އަންހެން ބުނުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އެމީހާ އެހެން ބުނީ މަޖަލަކަށް ކަމަށްވެ އެވެ.

މި ދެ މީހުން ގެންގުޅުނު ތަކެއްޗާއި އެމީހުންގެ ހަށިގަނޑު އެމްއެންޑީއެފްގެ އޮފިސަރުން ފަހުން ބަލައި ފާސްކުރި އެވެ. ނަމަވެސް ޝައްކުވާ ފަދަ އެއްވެސް އެއްޗެއް ސިފައިންނަށް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.