ޕީޕީއެމް

އަދުރޭއަށް އިތުބާރު އެބައޮތް: ޕީޕީއެމް

Sep 23, 2022

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މެދު އިތުބާރު އެބައޮތް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ -- ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ "ފައްޔާޒުގެ ލޯނާއި ގާސިމް އަތުން ފައިސާ ނެގިކަން ފަޅާއަރައި، ޔާމީނަށް ގައްދާރުވުމުން އަދުރޭ އެހެލައިފި" ކަމަށް ބުނެ ނޫހެއްގައި ޖެހި ހަބަރަކާ ގުޅިގެންނެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމްއާ ގުޅޭގޮތުން ހަބަރު ޝާއިއު ކުރި ނޫހުގައި އޮތީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީންގެ އިތުބާރު އަބްދުއްރަހީމްއަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނެ ނޫހުގައި ލިޔެފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކަކަށްވާތީ އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފައިވެސް ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމް އޮތީ ރައީސް ޔާމީނާ އެކު ބަދަހިކޮށް ކަމަށެވެ. އަދި ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާ އެކު ކުރުން ކަމަށެވެ.

"ކަންމިހެން އޮއްވާ އެފަދަ ހަގީގަތެއް ނެތް ބޭކާރު ވާހަކަތަކުން މިޕާޓީގެ ލީޑަޝިޕް ބައިބައިކޮށް މި ޕާޓީ ބަލިކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިވަގުތުވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ރައީސް ޔާމީންގެ ހާއްސަ މަސައްކަތްފުޅެއްގައި ލ. އަތޮޅުގަ އެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުން ދަނީ އެއްވެސް ތާކުންތާކު ނުޖެހޭ ބޭކާރު މަސައްކަތެއް ކަމަށެވެ. ހަގީގަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިންނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ އިދާރާތަކުން ކަމާ ގުޅޭ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައިވެ އެވެ.

"އަދި ނޫސްވެރިން ވެސް ޒިންމާދާރު ކަމާއެކު ހަގީގަތާއި އެއްގޮތަށް ހަބަރުތައް ރިޕޯޓް ކުރެއްވުމަކީ މި ކޯލިޝަންގެ އިލްތިމާސެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ.