ދުންޔާ މައުމޫން

ދުންޔާގެ ހޫނު ހަމަލާތަކެއް ސަރުކާރަށް

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ޒައީމު -- ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން އަދި ކުރީގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫންގެ ހޫނު ހަމަލާތަކެއް ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ދުންޔާ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ގައުމީ ކޮންގްރެސް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ދުންޔާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުން ވެރިކަން ހަވާލުކުރީ މިގައުމަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭނެ ކަމަށް ބަލައިގެން ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށް ވައުދާއި ހުވާކުރުމުން ކަމަށެވެ. ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެއަށް އޮންނަ އިތުބާރު އަނބުރާ ހޯދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

"އެކަމަކު ދަންނަވަންތޯ ކިތަންމެ ގިނަ ވޯޓެއް ލިބުނަސް، މަޖިލީހުގައި ކިތަންމެ ގިނަ ގޮނޑިއެއް ލިބުނަސް، އެއީ ގައުމުގެ ވެރިކަން ހިންގަން އެނގުމެއް ނޫން،" މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބި ކޮށްދެވުނު ކަމެއް ނެތްކަން ހާމަކުރައްވާ ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިސަރުކާރުގެ ހަތަރު އަހަރުގެ ތަޖުރިބާ އިން ފެނިގެން ދިޔައީ ހިންގުމުގެ ތަޖުރިބާއެއް، ވައްޓަފާޅިއެއް އަދި ގާބިލްކަމެއް ވެސް މިސަރުކާރުގައި ނެތް ކަމެވެ.

"ވޯލްޑް ބޭންކްގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ގާބިލްކަމުގެ ނިސްބަތް މިހާރު ވަނީ ލަދުގަންނަ ހިސާބަކަށް ވެއްޓިފައި. އާދެ 1998 ވަނަ އަހަރު 80 އިންސައްތައިގައި ހުރި ނިސްބަތް މިދިޔަ ދެތިން އަހަަރު ވަނީ 35 އަކަށް ވެއްޓިފައި،" ސަރުކާރުގެ ތަޖުރިބާ ނެތް ކަން ހާމަކޮށްދެއްވަމުން ދުންޔާ ވިދާޅުވި އެވެ.

ދިވެހިން މިއިން ދުވަހަކު ފަގީރު ނުވާ މިންވަރަށް ދިވެހިން މިއަދު ފަގީރުވެއްޖެ ކަމުގައިވެސް ދުންޔާ ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގައި ދިވެއްސެއްގެ ބޮލަކަށް އާމްދަނީ ޖެހޭ ނިސްބަތް މިއަދު ހުރީ 2015ގައި ހުރި ހިސާބުގައި ކަމަށެވެ. ޒުވާނުންނާއި އަންހެނުންގެ ހައްގުތަކަށް ސަރުކާރުން އަރައިގެންފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު އިތުރަށް ދަށަށް ގޮސްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.

ދުންޔާ ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި މިއަދު ރާއްޖެ ސިފަކުރަނީ "ދަސްކުރާ ބޯޑު ޖަހައިގެން އުޅޭ ގައުމެއްގެ ގޮތުގައި" ކަމަށެވެ. މިސަރުކާރުގެ ޑިޕްލޮމަސީގައި ވެސް ހިމެނެނީ އެންމެ ދެބަސް ކަމަށާއި "އެއީ ޔެސް އެކްސެލެންސީ" ކަމުގައި ވިދާޅުވި އެވެ. ރާއްޖޭގެ އަނބުރާއި ޝަރަފާއި އިއްޒަތާއި ކަރާމާތް ވެއްޔާ މޮޑެލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"[ރާއްޖެ މިވަނީ] ދިމާވާ ކޮންމެ މީހެއް ކައިރީގައި އެހީއެއް ދެވޭނެތޯ އަހާ ސަލާން ޖަހާ ގައުމަކަށްވެފައި. ރާއްޖޭގެ ޑިޕްލޮމަސީ ވަނީ ނާށިގަނޑެއްގެ ދަށުގައި ތާށިވެފައި،" މިސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތް ގޮތް ސިފަކޮށްދެއްވާ ވިދާޅުވި އެވެ.

އެކަމަކު ދުންޔާ ވިދާޅުވި ގޮތުގައި އެމްއެންޕީގެ ވެރިކަމެއްގެ ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ދިވެހިންނާއި ދިވެހިރާއްޖެ އެވެ. އެވެރިކަމުގައި ހާރިޖީ ސިޔާސަތުގައި އެންމެ އިސް ވާޖިބަކަށް ވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީން ހިމާޔަތްކޮށް ރާއްޖޭގެ ސިޔާދަތު ނެގެހެއްޓުމެވެ. ހުރިހާ ގައުމަކާ އެކު ވެސް ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއެންޕީ ސަރުކާރެއްގައި މުހިއްމު އަމާޒެއް. ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައިދިނުމާއި ސަރުކާރުން އެހީތެރިކަން ދިނުމަކީ އެމްއެންޕީގެ އަމާޒެއް. ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް އަޅުގަނޑުމެންގެ ސަރުކާރުގައި ލުއި ފަސޭހަކަން ހޯދައިދޭނެ،" އެމްއެންޕީގެ ހާރިޖީ ސިޔާސަތުގެ ތެރެއިން ކުރައްވާނެ ކަންކަން ހިއްސާކުރައްވަމުން ދުންޔާ ވިދާޅުވި އެވެ.