އެމްއެންޕީ ކޮންގްރެސް 2022

ފަނޑިޔާރުންނަށް އޮތް ސިޔާސީ ނުފޫޒު ނައްތާލާނަން: ނާޒިމު

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ފަނޑިޔާރުންނަކީ ސިޔާސީ މީހުންދެކެ ބިރު ނުގަންނަ ބަޔަކަށް ހައްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ފަނޑިޔާރުންނަކީ، ފަނޑިޔާރުން ކިޔެވި ފޮތާއި އެއްގޮތަށް ރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތަށް ހުކުމް ކުރެވޭނެ ބަޔަކަށް ހައްދަވާނެ ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިއަދުވެސް ފެންނަނީ ވަރަށް ބޮޑަށް ސިޔާސީވެފައި އޮތް ތަނެއްގެ ގޮތުގައި ކަމަށާއި އެހެންވެ ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ބޭނުންވާ ކަމުގައި ނާޒިމު ވިދާޅުވި އެވެ.

"އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ނޫން. ބޭނުންވަނީ ފަނޑިޔާރުންނަކީ މިނިވަންކަމާއެކުގައި، ލިބިފައިހުރި ތަޖުރިބާއަކާއެކު ދެ ހަސްމުންނަށްވެސް އިންސާފު ލިބޭނެ ގޮތަށް ކަންކުރާ ބަޔަކަށްވުން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގައި ކުރިން ތިބި ތަޖުރިބާކާރު ފަނޑިޔާރުންގެ ބަދަލުގައި އާ ފަނޑިޔާރުން އައްޔަންކޮށް، އަދި ކޮންމެ ފަހަރަކު އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާއާ އެކު ޖޭއެސްސީ ބަދަލުކޮށް ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ޖޭއެސްސީ މިނިވަންކޮށް ފަނޑިޔާރުންނަށް އިތުބާރު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

ނާޒިމު ވިދާޅުވީ ރާއްޖޭގައި މިއަދު އަދުލު އިންސާފު އޮތް ގޮތުގެ ވާހަކަދައްކަން ލަދުގަންނަންޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގައި އަދުލު އިންސާފުގެ ވާހަކަ އަޅުގަނޑުމެން މިއަދު ދައްކަން ލަދުވެސް ގަންނަން ޖެހޭ. އިންސާފު ނުލިބި އިނގޭތޯ އެތައް ބަޔަކު މިދިޔަ ސަރުކާރުން ވާނުވާ ނުޖަހަން ވިދާޅުވެ ވަޑައިގެން ވާނުވާ ޖަހާ އަދަދު ގިނަވީ އެއީތޯ ހައްގުވާ ވަރަކީ" ނާޒިމު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގައި ވަރަށް ގާބިލް ފަނޑިޔާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ ފަނޑިޔާރުންނަށް ބޭނުންވަނީ ރަނގަޅު ވަސީލަތްތަކެެއް ކަމަށާއި އެމްއެންޕީގެ ވެރިކަމެއްގައި ވަސީލަތްތައް ހޯދައިދޭނެ ކަމަށެވެ. ފުރާޅުން ވާރޭ ވެހޭތީ ޝަރީއަތެއް ކެންސަލްވިކަން ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ ޖަސްޓިސް މިނިސްޓްރީގެ ނަމުގައި މީގެކުރިން ޝަރުއީ ދާއިރާއަށް ހާއްސަކޮށްގެން އިމާރާތެއް ހެދި ފަހުން އަދި އެފަދަ އިމާރާތެއް ޝަރުއީ ދާއިރާއަށް ހަދައިދީފައި ނެތް ކަމަށެވެ.

"އެމްއެންޕީގެ ސަރުކާރެއްގައި ފަނޑިޔާރުންނަށް ވަސީލަތްތައް ފޯރުކޮށްދޭނެ. އަޅުގަނޑުމެން ފަނޑިޔާރުންނަށް ބޭނުންވާ ފުރުސަތުތައް ހޯދައިދޭނަން،" ނާޒިމު ވިދާޅުވި އެވެ.