އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗަޑް މާލްސް ވިދާޅުވި ގޮތުގައި ކެންބެރާގައި މިހާރު އޮތް ސަރުކާރު -- ބޮޑުވަޒީރު އެންތަނީ އަލްބަނީޒްގެ ސަރުކާރުން ޗައިނާއާ ގުޅުން ބަދަހިކުރާނެ އެވެ.
ރިޗަޑް މާލްސް ވިދާޅުވި ގޮތުގައި އެމެރިކާގެ ނިއު ޔޯކުގައި މިހާރު ހިނގަމުންދާ އދ. އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް، ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލު ކުރައްވާނެ އެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ރިޗަޑް މާލްސް ވިދާޅުވީ އެ ގައުމުގައި ކުރިން އޮތް ސަރުކާރުން ޗައިނާއާ މެދު ކަންކުރި ގޮތަށް މި ސަރުކާރުން ކަންނުކުރާނެ ކަމަށެވެ.
ބޮޑުވަޒީރުގެ މަގާމުގައި ސްކޮޓް މޮރިޝަން ހުންނެވިއިރު -- 2018-2020 ގައި ޗައިނާ އާއި އޮސްޓްރޭލިއާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ނިކަމެތިވެފަ އެވެ.
ދެ ގައުމުގެ ގުޅުން އެހާ ބޮޑަށް ހީނަރުވެގެން ދިޔަ ސަބަބަކީ އޮސްޓްރޭލިއާގެ ސަރުކާރުން ޗައިނާގެ މުހިންމު ކަމަށް ނުބަލައި ހިތުހުރިހައި އެއްޗެއް ޗައިނާއަށް ގޮވަން ފެށުމެވެ.
އެމެރިކާ ކޮޅަށް އޮސްޓްރޭލިއާ ބުރަވެ ޗައިނާއަށް ދަތިކުރުން ރަނގަޅު ކަމެއް ގޮތުގައި ބޮޑުވަޒީރު ސްކޮޓް މޮރިޝަންގެ ސަރުކާރުން އޭރު ބުނެފައިވެ އެވެ.
ޗައިނާއާ ކޮވިޑާ ގުޅުވައި އެމެރިކާ ދެއްކި ވާހަކަތަކުގައި، ކޮވިޑަކީ ޗައިނާގެ ވުހާނުން އުފެދި ދުނިޔެއަށް ފެތުރުނު ބައްޔެއް ކަމަށް ބުނެ ވަނީ ވާހަކަދައްކާފަ އެވެ. އޮސްޓްރޭލިއާ އިން ވެސް ވަނީ މި ވާހަކަތަކުގައި ހިފައިގެން ދަމައި ޗައިނާ ރުޅިއަރުވާފަ އެވެ.
މިކަމާ ގުޅިގެން އުފެދުނު ރާޅުބާނިތައް އެންމެފަހުން ބިންދާލީ އޮސްޓްރޭލިއާގެ ބޮލަށެވެ. ޗައިނާއަށް އެތެރެކުރާ އޮސްޓްރޭލިއާގެ އެތައް ބިލިއަން ޑޮލަރެއްގެ މުދާ -- ކާބޯތަކެތި ވެސް ހިމެނޭ ގޮތުން، ޗައިނާއަށް އެތެރެކުރުން އެއިރު ހުއްޓާލި ގޮތަަށް އަދި ވެސް އޮތީ އެ އުސޫލެވެ.
އެންތަނީ އަލްބަނީޒް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެން ޗައިނާއާ ގުޅުން ބަދަހި ކުރެއްވުމަށް ވަނީ މަސައްކަތް ފައްޓާވާފަ އެވެ. އެހެން ނަމަވެސް، ޗައިނާ ބުނާ ގޮތުން އޮސްޓްރޭލިއާއާ ދެން ގުޅުން ބަދަހިކުރެވޭނީ ޗައިނާއިން ކަނޑައަޅާ ޝަރުތުތައް ގަބޫލުކުރާ ނަމަ އެވެ.
އޮސްޓްރޭލިއާ ބަލައިގަންނަން ޖެހޭ ފުރަތަމަ ޝަރުތަކީ ޗައިނާ އަކީ ގާތް ބައިވެރިއެއް -- ވާދަވެރިއެއް ނޫންކަން ގަބޫލުކުރުމެވެ. ދެވަނަ ޝަރުތަކީ ދެގައުމުގެ ދެމެދުގައި ހުރި ތަފާތުތައް، ދެގައުމުގެ ލާބަ އާއި މަންފާއަށް ވިސްނައިގެން ހައްލުކުރުމެވެ.
އެއްވެސް ކަމެއްގައި ޝައްކު ނުކުރުމާއި ދެގައުމުގެ ދެމެދުގައި މަޝްވަރާކުރަން ޖެހިލުން ނުވުން އަދި ތިންވަނަ ފަރާތަކުން [އެމެރިކާ]ދޭ ވަސްވާސްގައި ޖެހި، ޗައިނާއާ ދެކޮޅަށް ކަމެއް ނުނިންމުމަކީ ވެސް އޮސްޓްރޭލިއާއަށް ޝަރުތެއްކަން ގަބޫލުކުރަން ޖެހެ އެވެ.