ދުނިޔެ

ޗައިނާ-ޓައިވާން ބިރަށް އޮސްޓްރޭލިއާގައި މިސައިލް ހަރުކުރަނީ

އޮސްޓްރޭލިއާގެ އުތުރު ބިތުގައި މިސައިލް ބަހައްޓާ ގޮތަށް އެ ގައުމުގެ ސަރުކާރުން ވިސްނަން ފަށައިފި އެވެ.

އޮސްޓްރޭލިއާގެ ގައުމީ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުން، ޗައިނާ އާއި ޓައިވާނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމަށް ބިރުން އޮސްޓްރޭލިއާގައި މިސައިލް ޑިފެންސް ސިސްޓަމްތައް ބެހެއްޓުމަށް ވަޒީރުންގެ ފެންވަރުގައި މަޝްވާތައް ކުރިއަށް އެބަ ގެންދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮސްޓްރޭލިއާގައި އެކި ބާވަތުގެ މިސައިލް ސިސްޓަމްތައް ބަހައްޓާނެ އެވެ. ބިމުން ވަޔަށް، ބިމުން ކަނޑަށް އަދި ފައިޓަރު ޖެޓުތައް ބޭނުންކުރުމަށް މަޝްވަރާ ކުރެވޭ ކަމަށްވެސް ނޫސްތަކުން ބުނެ އެވެ.

ދިފާއީ ވުޒާރާގެ އޮފިޝަލުން ބުނާ ގޮތުން މިއީ ބަޔަކަށް ހަމަލާދިނުމަށް ވުރެ ބޮޑަށް އަމިއްލަ ދިފާއުގައި އޮސްޓްރޭލިއާއިން ވިސްނާ ކަމެކެވެ.

އަސްކަރީ ގޮތުން ގާބިލު އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރު ކުރުމަށް އޮސްޓްރޭލިއާއިން ވަނީ އެމެރިކާ އާއި އިނގިރޭސިންގެ އެހީގައި އަސްކަރީ ބިނާތައް ގާއިމުކުރުމަށް ނިންމާފަ އެވެ. އަދި ނިއުކްލިއާ ސަބްމެރީން ހޯދައި، ނިއުކްލިއާ ކުޅަދާނަކަން ހުރި ގައުކަށް ވުމަށްވެސް މަޝްވަރާގައި އޮތް ކަމަށް ޚަބަރުތަކުން އެނގެ އެވެ.

އޮސްޓްރޭލިއާގައި ދުރު ރާސްތާ މިސައިލް ހަރުކުރުމަކީ ޗައިނާ ބުނާ ގޮތުން އެމެރިކާއަށް ކޮށްދޭ ކަމެކެވެ. ޓައިވާނަށް އެހީތެރިވުމުގައި އެމެރިކާއާ ބައިވެރިވުމަކީ އޮސްޓްރޭލިއާއިން ކޮށްފާނެ ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ޗައިނާ ބުނެ އެވެ.

އެހެން ނަމަވެސް ޗައިނާ، އޮސްޓްރޭލިއާގެ ގުޅުން ބަދަހިކުރަން އޮސްޓްރޭލިއާ އެދޭ ނަމަ އެމެރިކާގެ އަވާގައި ޖެހި ޗައިނާއަށް ދަތިކުރުން ހުއްޓާލަން ޖެހޭ ކަމަށް ޗައިނާ ބުނެ އެވެ.

ޗައިނާ ބުނާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެހެންކަމުން އެމެރިކާގެ ބަހަށް ހެއްލި ޓައިވާންގެ ހިމާޔަތުގައި އޮސްޓްރޭލިއާ ތެދުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މިއީ ދެ ގައުމުގެ ގުޅުމަށް ހެޔޮ ބަދަލަށް ވުރެ -- ގުޅުން ހީނަރުވާނެ ކަމެއް ކަމަށް ވެސް ޗައިނާ ބުނެ އެވެ.