ބޮލީވުޑް

އަނަންޔާގެ ސިއްރު ފަޅާ އަރުވާލީ އޭނާގެ މަންމަ

އަނަންޔާ ޕާންޑޭ އަކީ އަލަށް ފިލްމު އިންޑަސްޓްރީއަށް ނުކުތް ބަތަލާއިންގެ ތެރެއިން އެންމެ ޒުވާން އަދި އެންމެ ރީތި އެއް ބަތަލާ އެވެ.

އޭނާގެ ރީތިކަމާ އެއްވަރަށް އެކްޓިންގެ ހުނަރު ނެތް ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ. ނަމަވެސް ހިންދީ ފިލްމު ބަލާ މީހުންނަށް އަނަންޔާ ވަރަށް ކަމުދެ އެވެ. އަދި އޭނާއާ އެކު ފިލްމު ކުޅޭ އެކްޓަރުންނަށް އަނަންޔާ ވަރެއް ހަމަ ނެތެވެ.

އަނަންޔާއާ އެކު މިހާތަނަށް ފިލްމު ކުޅުނު ހުރިހާ ޒުވާން އެކްޓަރުން ކަހަލަ ގޮތަކަށް އަނަންޔާއާ ލޯބީގެ ގުޅުން ހިންގާފައިވާ ކަމުގެ ރިޕޯޓުތައް އިންޑިއާގެ ނޫސްތަކުން ފެނެ އެވެ. މިއީ ވެސް އެކްޓަރުންގެ މެދުގައި އަނަންޔާގެ މަގްބޫލުކަން ހުރި ވަރުގެ ހެއްކެކެވެ.

ދާދިފަހުން އަނަންޔާގެ މަންމަ ބާވްނާ ޕާންޑޭ އާއި ޝާހް ރުކް ޚާންގެ އަންހެނުން ގޯރީ އަދި ޝަނާޔާ ކަޕޫރުގެ މަންމަ މަހީޕް ކަޕޫރު ވަނީ ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ބައިވެރިވެފަ އެވެ.

ބޮލީވުޑް އެކްޓަރުންގެ މި ތިން އަނބިންނަކީ ބެސްޓް ފްރެންޑުންނެވެ. އަދި އެމީހުންގެ ދަރިން ކަމަށްވާ އަނަންޔާ އާއި ސުހާނާ އަދި ޝަނާޔާ އަކީ ވެސް ބޭސްޓް ފްރެންޑުންނެވެ.

މި ޗެޓް ޝޯގައި އަނަންޔާގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ދެ ފިރިހެން ކުދިންނާ އެއް ފަހަރާ ރައްޓެހިވެގެން ވެސް އެއް ދުވަސްވަރަކު އުޅުނެވެ.

އަނަންޔާގެ މަންމަ މިހެން ބުނީ ޝާހް ރުކްގެ އަންހެނުން ގޯރީއާ ކަރަން ކުރި ސުވާލަކާ ގުޅިގެންނެވެ. ގޯރީ ކައިރީ ކަރަން އެހީ ލޯބިވެރިން ހޯދުމާ ގުޅޭ ގޮތުން ސުހާނާ އަށް ދޭނެ އިރުޝާދަކީ ކޮބައިހެއްޔޭ އެވެ. ޖަވާބުގައި ގޯރީ ބުނީ އޭނާ ދޭނެ ނަސޭހަތަކީ އެއްފަހަރާ ދެ މީހުންނާ ރައްޓެހި ނުވައްޗޭ ކަމަށެވެ.

މިހެން ބުނުމާއެކު އަނަންޔާގެ މަންމަ ބާވްނާ ބުނީ އޭނާއަށް ހީވަނީ އަނަންޔާ އެއް އިރެއްގައި ދެ މީހުންނާ އެއް ފަހަރާ ރައްޓެހިވެގެން އުޅުނު ހެން ކަމަށެވެ.

އަނަންޔާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އަދި ފިލްމު އެކްޓަރު އިޝާން ޚައްތަރު އާއެވެ. އޭގެ ފަހުން ކާރްތިކް އާރްޔަންއާ ވެސް އަނަންޔާއާ އަޅުވާ ކިޔާފައި ވެއެވެ.