ޗައިނާ

ރާއްޖެއާ ޗާއިނާއާ މެދު ސީދާ ދަތުރުތައް އަންނަ މަހު ފަށަނީ

ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޖިން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ކުރިއަށް ދިޔަ ވައިގެ ދަތުރުތައް މެދުކެނޑާލީ ކޮވިޑް 19އާ ގުޅިގެންނެވެ.

ސަފީރު ވިދާޅުވީ އަންނަ މަހު ދަތުރުތައް ފެށުމަށް އުއްމީދު ކުރާތީ އެކަމުގެ އިންތިޒާމުތައް ހަމަަޖައްސަމުންދާ ކަމަށެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގެ އިތުރުން ޗައިނާގެ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަގުބޫލު އެއް މަންޒިލެވެ.

އަލުން ދަތުރުތައް ފެށުމުން ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބަޑަށް އިތުރުވެގެންދާނެ ކަމަށް ސަފީރު ލަފާކުރައްވަ އެވެ.

ކޮވިޑް-19 ގެ ކުރިން 2019 ވަނަ އަހަރު އެކަނި ވެސް ރާއްޖެއަށް ޒިޔާރަތްކުރި 1.7 މިލިއަން ފަތުރުވެރިންގެ ތެރެއިން 17 އިންސައްތަ އަކީ ޗައިނާގެ ފަތުރުވެރިންނެވެ.

ޗައިނާއަށް ކޮވިޑް-19ގެ ބަލިމަޑިކަމުން މުޅިން އަރައިގަނެވިފައި ނުވާތީ ފާއިތުވި ދެ އަހަރު އެ ގައުމުން ރާއްޖެ އަށް ޓޫރިސްޓުން އައުން އޮތީ އެއްކޮށް މެދުކެނޑިފަ އެވެ. އަދި މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.