ހަބަރު

އަމާޒަކީ އެންމެ ރައްކާތެރި މަންޒިލަށް ރާއްޖެ ހެދުން: އަލީ ވަހީދު

Oct 31, 2019
1

ރާއްޖެ އަންނަ ފަތުރުވެރިންނަށް ރައްކާތެރިކަން ފޯރުކޮށް ދޭން ގިނަ މަސައްކަތައްކެއް ރާވާފައިވާ ކަމަށާއި އަމާޒަކީ ދުނިޔޭގައިވާ އެންމެ ރައްކާތެރި ފަތުރުވެރި މަންޒިލަކަށް ރާއްޖެ ހެދުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މި އަހަރުގެ ކުރީ ކޮޅު ފަތުރުވެރިންނާ ގުޅޭ ވަރަށް ގިނަ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އަދި އެއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ސޭފްޓީ ޕްރޮގްރާމްތައް ވެސް ފަށާފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިން ތިބޭ ތަންތަނުގައި ހުރި ސަލާމަތީ ކަންކަން ބެލުމުގެ މަސައްކަތެއް ފަށައި، މުޅި ރާއްޖެ ކަވަަރުކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ލިބުނު ތަފާސް ހިސާބުތަކަށް ބަލައި ޓޫރިޒަމްގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިންމާނެ ކަމަށާއި ޓޫރިޒަމްއާ ގުޅުން ހުރި ހުރިހާ ގާނޫނެއް 2020 މެއި ނިމުމުގެ ކުރިން ބަދަލު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަންނަ އަހަރުން ފެށިގެން ޔަގީންކަން ދެން ރާއްޖެ ވާނީ ހަމައެކަނި މުޅި ދުނިޔެއިން އެންމެ ރީތި މަންޒިލަކަށް ނޫން އޭގެ އިތުރުން ރާއްޖެއަކީ ދުނިޔެއިން އެންމެ ރައްކާތެރި މަންޒިލަށް ވެސް ވެގެން ދާނެ. އެއީ އަމާޒަކީ އަދި އެ ދިމާލަށް މި ދަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ރާވާފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ ޖެނުއަރީ 1 އިން ފެށިގެން ކޮންމެ ރަށެއްގައި ވެސް ސޭފްޓީ ޒޯންތައް ފާހަގަކޮށްފައި ބަހައްޓާނެ ކަމަށާއި އޭގެ ސަބަބުން ރައްކާތެރި ހިސާބުތަކާއި މޫދަން އެރެން ނުވާނެ ދިމާތައް ފަތުރުވެރިންނަށް އޮޅުން ފިލާނެ ކަމަށެވެ.

އޭގެ އިތުރުން ސިފައިން ތަމްރީންކޮށްފައިވާ ބީޗް ސްކައުޓުތަކެއް ވެސް ހަރަކާތްތެރިވާނެ ކަމަށާއި އެ މީހުން މަސައްކަތް ކުރާނީ ވެސް ލައިފްގާޑުން ގޮތުގައި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.