ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އަހަރަކު އެއް މިލިއަނަށް އިތުރުކުރުމަށް ސަރުކާރުން އަމާޒުހިފައިފި އެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ޗައިނާއާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމުގެ ގޮތުގައި ޗައިނާ ހެދުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"އަމާޒަކީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން އަހަރަކު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުން،" ޝާހިދު ވިދާޅުވި އެވެ.
އެގޮތުން، ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމާބެހޭ މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. ރާއްޖެއަށް މިހާރު ވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާ އިންނެވެ. އެގޮތުން އަހަރަކު ގާތްގަނޑަކަށް ބައި މިލިއަނެއްހާ ޗައިނާ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރެ އެވެ.
ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗަައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، އެ ގަައުމުގެ ނައިބު ރައީސް ވަންގް ގިޝަންއާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ އާ ޝާހިދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުންތަކުގައި ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދެމުންދާ އެހީތެރިކަން މުސްތަގުބަލުގައިވެސް ލިބޭނެކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިތަކެއް ލިބިގެންދާނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް ޗައިނާ ދަތުރުފުޅަށްފަހު އދ. އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ނިއު ޔޯކަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޝާހިދު އިތުރަށް ވިދާޅުވި އެވެ.
ޝާހިދުގެ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު މުހިންމު ތިން އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ އިތުރުން ޓެކްނިކަލް އެހީ އިތުރުކުރުން ހިމެނެ އެވެ.
އޭގެ އިތުރުން، ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް ތަރައްގީ ކުރުމުގެ މަޝްރޫއުއެއްގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
ޗައިނާއިން ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އަދި އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު އިސްވެ ގެންދަވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރައްވަމުންނެވެ.