މިދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވެފައިވީ ނަަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ޗައިނާއާ ދެމެދު ގާއިމް ކުރި ވަރުގަދަ ގުޅުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދު އަނެއްކާ ވެސް ގިނަ ވާން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ޗައިނާ ފަތުރުވެރިންގެ އެވެ. އެގޮތުން ކޮންމެ އަހަރަކު ރާއްޖެ އަންނަ ފަތުރުވެރިންގެ 20 ޕަސަންޓު ފަތުރުވެރިންނަކީ ޗައިނާ މީހުންނެވެ.
އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ވަނީ ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ދަށްވެފަ އެވެ. އަދި އަހަރަކަށް ފަހު އަހަރެއް ޗައިނާ ޓޫރިސްޓުން އަންނަ މިންވަރު މަދުވާތީ އެކަން ހައްލު ކުރުމަށް ސަރުކާރުން ތަފާތު މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެފައި ވަނީ ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސީދާ ފިޔަވަޅު އެޅުމަށް މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށެވެ.
އެކަމާ ގުޅޭ ތިން ވަނަ ބައްދަލުވުމުގައި ރައީސް ސޯލިހުގެ ސަރުކާރުން މިއަދު ވަނީ ފުރަތަމަ ފަހަރަށް ބައްދަލުވެފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ޗައިނާ ފަތުރުވެރިްނގެ ސަބަބުން ކަމަށާއި އެ މީހުންނަށް އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެވެފައިވާތީ އުފާ ކުރައްވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު 283،116 ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި ފަތުރުވެރިން އައުން މަދުވެފައިވީ ނަމަވެސް މި އަހަރު ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިވެ ޗައިނާ ފަތުރުވެރިން އަންނަ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"މި ނަމްބަރުތަކުން އެ ދައްކަނީ ހަމައެކަނި ޗައިނާ ފަތުރުވެރިން ރާއްޖެއަށް އޮންނަ ލޮއިއްބާއި ދިވެހިންނަށް ކުރާ އިހުތިރާމް އެކަންޏެއް ނޫން. މިއީ ދެ ގައުމު ދެމެދު މިހާރު ގާތް އަދި ވަރުގަދަ ގުޅުމެއް ގާއިމްވެފައިވާ ކަމުގެ ނިޝާނެއް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ ބައްދަލުވުންތައް ބާއްވަން ފެށި ފަހުން ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހާދިސާތައއް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެއީ މުއައްސަސާތަކާއެކު ގުޅިގެން ކުރާ މަސައްކަތުގެ ސީދާ ނަތީޖާ ކަމަށާއި މިއަދުގެ ބައްދަލުވުމުން އިތުރަށް މައްސަލަތައް ހައްލުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.