- ތަކެތި ރާއްޖެ އަންނައިރު ހުންނާނީ ފޯމުތައް ނިމިފައި
- ތަކެތި ކްލިއަކުރާނީ ހުޅުމާލެ އާއި ރާޅުގަނޑުގައި
- ކަސްޓަމްސްގައި ވަނީ ފޯކަލް ޕޮއިންޓެއް ގާއިމްކޮށްފައި
ބްރިޖް އަޅަން ރާއްޖެ އެތެރެކުރާ ސާމާނު ކްލިއަކުރަން މޯލްޑިވްސް ކަސްޓަމް ސާވިސަސް އިން ހާއްސަ ނިޒާމެއް ގާއިމްކޮށްފި އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް (ސީޖީ) މުހައްމަދު ޖުނައިދު ވިދާޅުވީ ބްރިޖުގެ މަސައްކަތަށް ގެންނަ ސާމާނު ރާއްޖެ އަންނައިރު، އެ ސާމާނުގެ ފޯމުތަކުގެ މަސައްކަތް ހުންނާނީ މުޅިން ނިމިފައި ކަމަށެވެ.
"ބްރިޖާބެހޭ ހުރިހާ ސާމާނެއް ރާއްޖެ އަންނައިރު، ހުރިހާ ޑޮމިއުމެންޓް ކަންތައްތަކެއް ހުންނާނީ ނިމިފައި. އޭރުން އެ ސާމާނު ހުރި ތަނަށް އޮފިސަރުން ގޮސް ކްލިއަކުރާނީ،" ޖުނައިދު ވިދާޅުވި އެވެ.
ހުޅުލެ އާއި މާލެއާ ދެމެދު އަޅާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖުގެ މަސައްކަތުގެ ބައިތަކުގެ މަސައްކަތް ކުރިއަށް ދާނީ ހުޅުމާލެއާއި ރާޅުގަނޑު ސަރަހައްދުގަ އެވެ. އަދި އެ ކަމަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި މި ނޫން ވެސް ސާމާނު ގެންދާނީ މި ދެ ސައިޓަށެވެ.
ޖުނައިދު ވިދާޅުވީ ބްރިޖު މަޝްރޫއަކީ ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށާއި، އެހެންވެ އެކަމަށް ކަސްޓަމުން ހުރިހާ އެހީއެއްދޭނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ކަސްޓަމްސްގައި ފޯކަލް ޕޮއިންޓެއް ވެސް ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުންނާ [ޗައިނާ ސީސީސީސީ ކުންފުންޏާ] އެތައް ފަހަރަކު ބައްދަލު ވެސް ކޮށްފިން. އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ދައްޗެއް ނުވާނެ. އަޅުގަނޑަށް ފެނޭ ބްރިޖުގެ ސަބަބުން އަންނާނެ ކުރިއެރުން. އިޖުތިމާއި ގޮތުން ބެލިއަސް ނޫނީ އިގްތިސާދީ ގޮތުން ބެލިޔަސް. ހަގީގަތް ވިސްނާލާ މީހަކަށް ފެންނާނެ ވިޔަފާރިއަށް އަންނާނެ ކުރިއެރުން،" ޖުނައިދު ވިދާޅުވި އެވެ.
ބްރިޖްގެ މަސައްކަތް ފެށުމުގެ ގޮތުން ޗައިނާގެ ސީސީސީސީ ކުންފުނިން ދަނީ ސައިޓުގެ މަސައްކަތް ކުރަމުންނެވެ.
ބްރިޖްގެ މުހިންމު ބައިތައް
- ދިގުމިނުގައި 1.39 ކިލޯމީޓަރު
- ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް އަރާ
- ފުޅާމިނުގައި 20.3 މީޓަރު
- ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން އޮންނާނެ
- ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
- ބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެ
- ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
- ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު
- ބްރިޖްގެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ސީސީސީސީ
- މަސައްކަތް ނިމަން ޖެހެނީ 30 މަސް ދުވަހުން
- ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބްރިޖްގެ ތަނބުތައް ސެޕްޓެމްބަރު މަހު ފެންނަން ފަށާނެ އެވެ.