ތުރުކީ

ތުރުކީއަށް ދެން އޮންނާނެ ގޮތަކީ ރަޝިއާ ޖެޓްތައް ގަތުން

އެމެރިކާއިން އެފް-16ގެ ފައިޓަރު ޖެޓްތައް ތުރުކީ އަށް ނުވިއްކައިފިނަމަ ދެން އޮންނާނެ ގޮތަކީ ރަޝިއާގެ އެސްޔޫ-35 މަރުކާގެ ފައިޓަރު ޗެޓްތައް ގަތުން ކަމަށް ތުރުކީގެ ޑިފެންސް އިންޑަސްޓްރީ އޭޖެންސީގެ ރައީސް އިސްމާއީލް ދެމިރު ވިދާޅުވެއްޖެ އެވެ.

ސީއެންއެން ތުރުކީ ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި އިސްމާއީލް ވިދާޅުވީ ތުރުކީގެ ދިފާއީ ބާރު ވަރުގަދަކުރަން ވިސްނާފައި އޮތް އޮތުން ދޫކޮށް ނުލައްވާނެ ކަމަށެވެ.

އެމެރިކާގައި އުފައްދާ އެފް-35ގެ ފައިޓަރު ޖެޓްތައް ގަތުމަށް ތުރުކީން މަސައްކަތްކުރާތާ ޒަމާންތަކެއް ވެއްޖެ އެވެ. ޖެޓްތައް ގަތުމަށް ބޭނުންވާ ފައިސާގެ ބޮޑުބައި އެމެރިކާ އަށް ދައްކައި ވަނީ ޚަލާސްކޮށްފަ އެވެ. އެހެން ނަމަވެސް، ތުރުކީ އާއި ރަޝިއާއާ ދެމެދު އޮންނަ ގޮތް ނޭނގޭ ގާތް ގުޅުމެއްގެ ސަބަބުން އެމެރިކާއިން އަދިވެސް ތުރުކީ އަށް ފައިޓަރު ޖެޓްތައް ފޯރުކޮށެއް ނުދެ އެވެ.

އެމެރިކާ ދައްކާ އުޒުރަކީ ރަޝިއާގައި އުފައްދާ އެސް-400 މިސައިލް ޑިފެންސް ސިސްޓަމް ތުރުކީގައި ބެހެއްޓުމަކީ އެފް-35ގެ ވިޔަފާރި އެއްބަސްވުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އެއަށް ފަހު އެފް-35ގެ ޖެޓްތައް ވިއްކަން އެމެރިކާ ނަން ނޯޓުކުރި ގައުމުތަކުގެ ލިސްޓުން ތުރުކީ ބޭރުކުރި އެެވެ.

މިހެން ކަންއޮއްވައި ފަސްވަނަ ޖީލުގެ އެފް-35 ޖެޓްތައް ދޫކޮށް ހަތަރުވަނަ ޖީލުގެ އެފް-16ގެ މޮޑެލްތައް ތުރުކީން ގަތުން މާރަނގަޅުވާނެ ކަމަށް އެމެރިކާއިން ތުރުކީ އަށް ވިސްނައި ދިނެވެ.

އެމެރިކާގެ މި ވިސްނުމާ އެކު ވެސް ތުރުކީ އަށް ފައިޓަރު ޖެޓްތައް ފޯރުކޮށްދޭކަށް އަދިވެސް ނުފަށަ އެވެ. ވިޔަފާރި އެއްބަސްވުމަށް އަމަލުކުރުން ލަސްކޮށް މުޅިން ވެސް ދައްކަނީ އުޒުރެވެ.

އެމެރިކާ ބުނާ ވާހަކަ އަކީ ތުރުކީ އާއެކު މަޝްވަރާ ކުރެވުނު ގޮތަށް އެފް-16ގެ ފައިޓަރު ޖެޓްތައް ވިއްކޭނީ ކުރިން ކުރި ޝަރުތުތަކަށް ޝަރުތު އިތުރުކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި ގުރީކާ ފުށުއަރާ ސަރަހައްދުތަކުން ދަތުރުކުރުމަށް އެފް-16ގެ ޖެޓްތައް ބޭނުން ނުކުރުން ހިމެނެ އެވެ.

ތުރުކީ އަށް އެފް-16ގެ ޖެޓްތައް ކިތަންމެ ބޭނުން ނަމަވެސް ތުރުކީގެ ބާރުކެނޑޭ ފަދަ އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.

މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ތުރުކީ އަށް ދެން އޮންނާނެ ގޮތަކީ ރަޝިއާގެ އެސްޔޫ-35ގެ ޖެޓްތައް ގަތުން ކަމަށްވެސް އިސްމާއީލް ސީއެންއެން އަށް ވިދާޅުވި އެވެ.