ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ސިވިލް ކޯޓަށް ހާޒިރުކޮށްފި

ފިނިފެންމާގެ މައްސަލާގައި ތަހުގީގަށް ހައްޔަރުކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު ސިވިލް ކޯޓަށް ހާޒިރުކޮށްފި އެވެ. މިއަދު އަދީބު ސިވިލް ކޯޓަށް ހާޒިރު ކޮށްފައިވަނީ، އަދީބުގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ.

ސިވިލް ކޯޓަށް އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ކުށުގެ ތުހުމަތުގައި ބަންދުކުރާ ސިޔާސީ ފަރާތްތައް އާއިލާއާއި ބައްދަލުކުރުމަށް ފުލުހުން އިންތިޒާމްކޮށްދޭ ފުރުސަތުތައް ދިނުމުގައި އަދީބަށް ތަފާތުކުރާ މައްސަލައެވެ.

އަދީބުގެ ވަކީލުންގެ ޓީމުން ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބަންދުގައި ތިބޭ އެހެންމީހުންނާ ހިލާފަށް އާއިލާއާ ބައްދަލުކުރުމުގައި އަދީބަށް އެކަނި ހާއްސަ އުސޫލެއް އޮތުމަކީ އަދީބާމެދު ސަރުކާރުން ގާނޫނާ ހިލާފަށް އަމަލު ބަހައްޓާކަމުގެ ހެއްކެއް ކަމަށެވެ. އަދި ފުލުހުންގެ ހައްޔަރުގައި ތިބޭ އެހެން މީހުންނަށް އާއިލާއާއި ބައްދަލުކޮށް ވަކި މާހައުލެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭއިރު އަދީބަށް އެ ފުރުސަތު ހަނިކުރެވިފައިވުމަކީ ގާނޫނު އަސާސީއާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާވެސް ހިލާފު ކަމެއް ކަމަށެވެ.

އަދީބާއި ދޭތެރޭ، ބަންދުގައި ތިބޭ އެހެންވެސް މީހުންނާ ދޭތެރޭ އަމަލުކުރާ އުސޫލުން ކަންކަން ކުރުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅި އަދީބުގެ ވަކީލުން ވަނީ އެދިފަ އެވެ. އަދި އެގޮތަށް އަމަލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމަށްވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކީލުން ވަނީ އެދިފަ އެވެ.