ދުނިޔެ

އިހުތިޖާޖުކުރުން މައްސަލައެއް ނޫން: ރައީސީ

އީރާންގައި އާންމުންގެ ތެރޭގައި ހެދުންއަޅަން އޮންނަ އުސޫލާ ޚިލާފުވުމުގެ ސަބަބުން މި މަހު 13 ގައި ހައްޔަރުކުރި މަހްސާ އަމީނީ، 22، ފުލުހުންގެ އިހުމާލުން މަރުވި މައްސަލާގައި މުޅި އީރާންގައި ހަމަނުޖެހުން ހިންގަނީ އެވެ.

ޚަބަރުތައް ބުނާ ގޮތުން މަގުތަކުގައި އިހުތިޖާޖުކުރި އާންމުންގެ އެތައްހާސް ބައެއްގެ ތެރެއަށް އަމަން ބަލަހައްޓާ ފުލުހުން ވަދެގަތުމުގެ ސަބަބުން 35 މީހަކު ވަނީ މަރުވެފަ އެވެ.

އީރާންގެ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި މަގުތަކުގައި އިހުތިޖާޖުކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، ހަމަނުޖެހުން ހިންގައި ދައުލަތަށާއި އާންމުންގެ މުދަލަށް ގެއްލުންދޭ މީހުންނާ މެދު އެ މީހަކު ކުރި ކުށަކަށް އެކަށީގެންވާ ވަރުގެ އަދަބެއް ދެވޭނެ އެވެ.

މުޒާހަރާތަކާ ގުޅިގެން 700 އަށް ވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މީގެތެރޭގައި 60 އަންހެނުން ވެސް ހިމެނެ އެވެ.

މަހްސާ އަމީނީ މަރުވީ އޭނާ ހައްޔަރުކުރުމުގެ ތެރޭގައި އާދަޔާ ޚިލާފަށް އަނިޔާކުރުމުގެ ސަބަބުން ކަމަށް އާންމުން ގަބޫލުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑިއަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

އީރާންގެ އިދާރާތަކުން ބުނާ ގޮތުން އަމީނީ މަރުވީ ފުލުހުން ކުރި އަނިޔާގެ ސަބަބަކުން ނޫނެވެ. އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި އިންދައި ނަމަވެސް، އޭނާ މަރުވީ އެހެން ސަބަބަކުންނެވެ.

އަމީނީ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މި މަހު 16 ވަނަ ދުވަހު އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ސިކުނޑި މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީ ކޯމާއެއްގައި ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.

އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި އާންމުގެ ތެރޭގައި އޮތީ ވަރަށް ބޮޑު އޮޅުމެކެވެ. އަދި މައްސަލަ ހައްލުކުރަން މަގުތަކަށް ނުކުތުމުން ދެން ވެސް ދިމާވާނީ ހިތާމަވެރި ހާދިސާތަކެކެވެ.

ސަރުކާރުގެ އެންގުމަށް ތަބާނުވެ މަގުތަކުގައި ހަމަނުޖެހުން ހިންގާ ނަމަ އެކަށީގެންވާ ވަރުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސީ ވަނީ ވިދާޅުވެފަ އެވެ.

މުޒާހަރާ ކުރުމަކީ ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށްވެސް ރައީސީ ތުހުމަތު ކުރައްވަ އެވެ. ސަރުކާރު އޮތީ ދުދޭ ގޮތަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.