މިނިސްޓްރީ އޮފް ޓޫރިޒަމް

ޗައިނާ ފަތުރުވެރިން އަންނަ މަހުވެސް އަންނާނެކަމުގެ ޔަގީންކަމެއް ނެތް!

އަވަސް އަވަހަށް ހާލަތު ބަދަލުވާތީ އަންނަ މަހު ޗައިނާގެ ފަތުރުވެރިން އަލުން ރާއްޖެއަށް ޒިޔާރަތްކުރަން ފަށާނެ ކަމުގެ ޔަގީންކަން އަދިވެސް ނެތް ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމު މިހެން ވިދާޅުވެފައި މިވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދުން ސިދާ ދަތުރުތައް އަންނަ މަހު ފެށުމަށް ތައްޔާރުފެވައިވާ ކަމަށް ޗައިނާ ސަފީރު ވާންގް ލިޖިން ދައުލަތުގެ މީޑިއާގައި ވިދާޅުވެފައި ވަނިކޮށެވެ.

އަވަސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑރ. މައުސޫމު ވިދާޅުވީ އަންނަ މަހު ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ސަފީރު ވިދާޅުވި ނަމަވެސް އެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް އަދި ދެވެން ނެތް ކަމަށެވެ.

"އެކަމަކު އުއްމީދު ކުރަނީ ވީހާވެސް އަވަހަށް ދަތުރުތައް ފެށިގެން ދާނެ ކަމަށް. އެހެންނަމަވެސް އެއީ ޗައިނާ ސަރުކާރުގެ ނިންމުމަކަށްވާތީ ސީދާ މިދަތުރުތައް ފެށޭނެ އިރެއް ދަންނަވާކަށް އަޅުގަނޑުމެންނަކަށް އަދި ނޭނގެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޗައިނާގެ ފަތުރުވެރިން އަލުން ރާއްޖެއަށް ޒިޔާރަތް ކުރަން ފަށާނެ ކަމަށް ޗައިނާ އިން ބުނަމުން ދިޔަ ނަމަވެސް މިނިސްޓަރު މައުސޫމަށް އެ އުއްމީދު ކުޑަވެފައިވަނީ ޗައިނާ އިން މީގެކުރިން ވެސް އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބުނެ ތަފާތު ތާރީހުތައް ދީފައިވާތީ އެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވި ގޮތުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު އަލުން ދަތުރުތަށް ފެށިއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑުބަދަލެއް އަންނާނެ އެވެ. ކޮވިޑް 19ގެ ހާލަތު ކުރިމަތިވެ ދަތުރުތައް ހުއްޓާލުމުގެ ކުރިން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

"މިދިޔަ ތިން އަހަރު ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ އަނަންނަން ބޭނުންވެ ނާދެވިފައި ތިބޭނެ ކަމަށް ލަފާކުރެވޭ. އެ ހުރިހާ ފަތުރުވެރިން އަންނަން ފެށުމުން ފަތުރުވެރިކަމަށް ބޮޑު ބަދަލެއް އައިސް އަނެއްކާ ވެސް ޗައިނާ އަކީ އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ކަމުގައި ވެގެން ދާނެ ކަމަށް ބެލެވޭ،" މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އޮކްޓޫބަރު މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށޭތީ އެތާ ތަނުން ފެށިގެން އެހެން ގައުމުތަކުގެ ފަތުރުވެރިންނާ އެކު ރާއްޖޭގެ ގިނަ ރިޒޯޓުތަކުގެ ބުކިންތައް އަހަރުގެ ބާކީ މުއްދަތަށް ފުލްވާނެ ކަމަށެވެ. އެހެންވެ އެ ހާލަތުގައި ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ބޭނުންވި ނަމަވެސް އެ ފުރުސަތު ޗައިނާ ފަތުރުވެރިންނަށް ހަނިވުމުގެ ފުރުސަތު އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ޗައިނާ ފަތުރުވެރިންނަށް ރާއްޖެއަށް އާދެވޭ ގޮތް ވެއްޖެނަމަ އެއީ ފަތުރުވެރިކަމުގެ އަމާޒަށް ވާސިލްވުމަށާއި އާމްދަނީ އިތުރުކުރުމަށް ލިބޭނެ ފުރުސަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރު އެކަނިވެސް ރާއްޖެއަށް ޒިޔާރަތްކުރި 1.7 މިލިއަން ފަތުރުވެރިންގެ ތެރެއިން 17 އިންސައްތަ އަކީ ޗައިނާގެ ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ ކަމުގައިވާއިރު ޗައިނާ އަކީ ރާއްޖެއާއި އެކި ގޮތްގޮތުން ގާތްގުޅުމެއް ވެސް ބާއްވާ ގައުމެކެވެ. މިއަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށްވެސް އަދި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް 50 އަހަރު ފުރުނު ރަންޔޫބީލް އަހަރުވެސް މެއެވެ.