ޓޫރިޒަމް

ޗައިނާ ފަތުރުވެރިން އަންނާނީ ޖެނުއަރީގައި ކަމަށް ބެލެވޭ: މައުސޫމު

މަޝްވަރާތަކާއި މަސައްކަތްތައް ހިނގަމުންދާ ގޮތުން ޗައިނާގެ ފަތުރުވެރިންނަށް އެންމެ އަވަހަށްވެސް ރާއްޖެއަށް ޒިޔާރަތްކުރެވޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. މައުސޫމު ވިދާޅުވީ ޗައިނާ ފަތުރުވެރިން ރާއްޖެ އަންނާނެ ދުވަހެއް ޔަގީންކަމާ އެކު ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި "ޗައިނީސް ނިއު އިޔާ" އާއި ދިމާކޮށް އެ ގައުމުގެ ފަތުރުވެރިންނަށް ދަތުރުކުރަން ފުރުސަތު ލިބި ޗައިނާގެ ފަތުރުވެރިން ޗުއްޓީއަށް ފުރަން ފަށާނެކަމަށް ބެލެވޭ ކަމަށެވެ.

"ޗައިނީސް ނިއު އިޔާ މި ދިމާވަނީ ޖެނުއަރީ މަހުގެ ފަހުކޮޅަށް. އެހެންކަމަށްވާތީ އެހާތަނުގައި ރާއްޖެއަށް ވެސް ދަތުރުތައް ފެށުމުން ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް މިހާރު މިބެލެވެނީ،" ޑރ. މައުސޫމު ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޖިން މިދިޔަ މަހު ވިދާޅުވި ގޮތުގައި ޗައިނާގެ ފަތުރުވެރިން މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރަން ފަށާނެ އެވެ. ނަމަވެސް އޭރުވެސް މިނިސްޓަރު މައުސޫމު ވަނީ ސަފީރު ވިދާޅުވާ ތާރީހުގައި ޗައިނާ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވި ގޮތުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު އަލުން ދަތުރުތަށް ފަށައި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށުމުން ފަތުރުވެރިކަމަށް ބޮޑުބަދަލެއް އަންނާނެ އެވެ. ކޮވިޑް 19ގެ ހާލަތު ކުރިމަތިވެ ދަތުރުތައް ހުއްޓާލުމުގެ ކުރިން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

"އަޅުގަނޑުމެންގެ ވެސް އުއްމީދަކީ ވީހާވެސް އަވަހަށް ޗައިނާ ފަތުރުވެރިން އައުން. އެހެންނަމަވެސް ދަތުރުތައް ހުޅުވާލުމަކީ ޗައިނާ ސަރުކާރުން ނިންމަވާ ނިންމެވުމެއް،"ޑރ. މައުސޫމު ކުރިން ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރު އެކަނިވެސް ރާއްޖެއަށް ޒިޔާރަތްކުރި 1.7 މިލިއަން ފަތުރުވެރިންގެ ތެރެއިން 17 އިންސައްތަ އަކީ ޗައިނާގެ ފަތުރުވެރިންނެވެ.

މީގެކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ ކަމުގައިވާއިރު ޗައިނާ އަކީ ރާއްޖެއާއި އެކި ގޮތްގޮތުން ގާތްގުޅުމެއް ވެސް ބާއްވާ ގައުމެކެވެ. މިއަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް އަދި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް 50 އަހަރު ފުރުނު ރަންޔޫބީލް އަހަރުވެސް މެއެވެ.