ހައިކޯޓް

އިންޑިއާ އައުޓް ހުއްޓުވަން އުޅުނު ފުލުހުންގެ މައުލޫމާތު ދޭން އެންގި މައްސަލަ ހައިކޯޓަށް

Sep 25, 2022

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތެއް ހުއްޓުވަން އުޅުނު ފުލުހުންގެ މައުލޫމާތު ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ މައުލޫމާތު ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފުލުހުންނަށް އެންގީ އަމިއްލަ ފަރާތަކުން އެ މައުލޫމާތު ބޭނުންވެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގެ ގޮތުން ފުލުހުން ބައެއް މަސައްކަތްތައް ފެށީ އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ފުލުހުންނަށް ބައެއް ކަންކަން ކުރަން އަމުރުކުރެއްވުމުންނެވެ.

ރައީސްގެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން ވަނީ "އިންޑިއާ އައުޓް" ގޮވުމަށް ބޭއްްވި މަގުމަތީގެ ބައެއް އެއްްވުންތަކާއި ބައެއް އިމާރާތްތަކުގައި ހަރުކުރި ބައެއް ބެނާތައް ނައްޓާލާފަ އެވެ. އާންމުންގެ މީހަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅީ އެކަންކަން ކުރަމުން ދިޔަ ފުލުހުންގެ ވަނަވަރާއި އެމީހުން އެކަންކަމުގައި އަދާކުރި ދައުރާއި އޮޕަރޭޝަން ކުރިއަށް ގެންދިޔަ ކޮމާންޑަރުގެ މައުލޫމާތު ހޯދާށެވެ.

އެ މައުލޫމާތުތައް ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފުލުހުންނަށް އެންގީ މިދިޔަ މަހު އެވެެ. މިއެންގުން ހައިކޯޓުގައި ފުލުހުންގެ ފަރާތުން އިސްތިއުނާފް ކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ހައިކޯޓުން އަދި މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން ވަރަށް ފޯރީގައި މާލެއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދިޔަ ހަރަކާތް މިހާރު ވަނީ ހުއްޓާލާފަ އެވެ.