ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ރައޫފް ކެޔޮދޫ ދާއިރާއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ކުރިމަތިލެއްވުމަށްޓަކައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ކެޔޮދޫއަށް އުފަން ރައޫފް ފޯމު ހުށަހެޅުއްވީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ.

ރައޫފް ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ މާޗް 26، 2011 އިން މެއި 31، 2022 އަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން ރައޫފް އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާނީޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުކަމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަން ހިމެނެ އެވެ. މީގެއިތުރުން ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުވެގެން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަންވެސް ކުރެއްވި އެވެ.

ރައޫފް އެންމެ ފަހުން ހުންނެވީ ސްޓެލްކޯގެ ކޮންސަލްޓެންޓެއްގެ މަގާމުގައެވެ.

އަބްދުއްރައޫފު އިބްރާހީމަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިން ބެޗްލަ އޮފް ލޯ އިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.