މިނިސްޓްރީ އޮފް އެޑިއުކޭޝަން

ތައުލީމީ ދާއިރާގެ ރިޓަޔާމަންޓް އުސޫލު ކަމަކު ނުދިޔަ

Sep 25, 2022
3

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ރިޓަޔާމަންޓް އުސޫލަށް ގެނައި އިސްލާހާ މެދު ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރިޓަޔާމަންޓް އުސޫލު މިހާރު އޮތް ގޮތުން އުމުރުން 55 އަހަރުވުމުން ރިޓަޔާކުރަން ހުށަހެޅުމުން ގަނޑުކޮށް ވަކި އަދަދަކަށް ލިބޭ ފައިސާއާއި ހިދުމަތް ކުރި މުއްދަތަށް މަހުން މަހަށް ލިބޭ ފައިސާ ހިމެނެ އެވެ. ނަމަވެސް އަންނަ މަހު 31 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ އާ އުސޫލުގައިވާ ގޮތުންނަމަ އެ ދުވަހުން ފެށިގެން ރިޓަޔާމަންޓް އިނާޔާތުގެ ގޮތުގައި ލިބޭނީ ގަނޑުކޮށް ލިބޭ ފައިސާ އެކަންޏެވެ. އެ ފައިސާ ލިބޭނީ މެއި މަހު މުސާރަ ބޮޑުކުރުމުގެ ކުރިން ލިބެމުން ދިޔަ މުސާރައަށް ބަލައިގެންނެވެ.

މިކަމާ ގުޅިގެން އަވަސްއާ ވާހަކަ ދެއްކެވި ތައުލީމީ ދާއިރާގެ ބޭފުޅުން ވަޒީފާގެ ރައްކާތެރިކަމަށްޓަކައި ނަން ޖެހުމަށް އެއްބަހެއް ނުވި އެވެ.

އަވަސްއާ ވާހަކަ ދެއްކެވި ށ. އަތޮޅު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ މެއި މަހު މުސާރަ ބޮޑު ކުރި ނަމަވެސް ރިޓަޔާ ކުރަން ހުށަހެޅުމުން ކުރީގެ މުސާރައަށް ބަލައި ރިޓާޔަމަންޓް ފައިސާ ދިނުމަކީ ގާނޫނީ ގޮތުންވެސް ހަމަޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މިންވަރުން ފަހުން ހަދާ ގާނޫނަކުން އަދި އުސޫލަކުން ކުރީގެ ނިންމުންތަކަށް ބަލައިގެން އެލަވަންސް ދިނުން މިއީ ކުރެވޭނެ ކަމެއް ނޫން. މުސާރަ ބޮޑުކޮށްފައި މިކުރެއްވީ ވަރަށް ދެރަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މާލޭގައި މަސައްކަތް ކުރާ ޓީޗަރަކު ވިދާޅުވީ "ދައުލަތުގެ ވަޒީފާއިން ދޫކޮށްލުމުން އިނާޔަތް ދެވޭނެ މިންގަނޑު" ޕޭ ކޮމިޝަނުން ހެދިއިރު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި އެކަން ކުރެވޭނެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން އެކަށީގެންވާ މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށެވެ.

"މަޝްވަރާއެއް ކޮށްލި ނަމަވެސް ތަންކޮޅެއް މި އުސޫލު ފުރިހަމަވީސް. މިހާރު އުސޫލު މިއޮތީ ހަމައެކަނި ދައުލަތުގެ، މިނިސްޓްރީގެ މަސްލަހަތުގައި،" ޓީޗަރު ވިދާޅުވި އެވެ.

އުސޫލަށް އަމަލުކުރުމަށް ހަމަސް ދުވަހުގެ މުއްދަތު ދީފައިވާ ގޮތާއި އުމުރުން 55 އަހަރު މިހާރު ވެފައިވާ ބޭފުޅުންނާ މެދު އާ އުސޫލުގެ ދަށުން ކަންކަން ވެގެންދާނެ ގޮތް ސާފު ނުވާ ކަމަށްވެސް ބައެއް ބޭފުޅުންގެ ކަންބޮޑުވުމުގައި ފާހަގަކުރައްވާފައިވެ އެވެ.

ތައުލީމީ ދާއިރާގެ ބޭފުޅުންގެ ރިޓަޔާމަންޓް އުސޫލާ މެދު ހިތްހަމަނުޖެހޭތީ އެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.