ރައީސް އަބްދުﷲ ޔާމީން

އާރަށުގެ މައްސަލަ: ހެކިބަސް ނެގުން ނިންމާލައިފި

Sep 25, 2022

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އާއި ގުޅިގެން ހެކިބަސް ނެގުން ނިންމާލައިފި އެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާ އެވެ. މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ޔާމީނަށް ދައުވާކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ޔޫސުފްގެ ނައީމުގެ މަސްލަހަތު އޮތް ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ކުއްޔަށް ދޭން ނިންމާ، އޭނާގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާ އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގަ އެވެ.

ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ހެކިބަސް ދެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު އެވެ.

ސައީދުއާއި ޒުހޫރު މައިގަނޑު ގޮތެއްގައި ހެކިބަސް ދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދެވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާ ގޮތާއި، ޔައުމިއްޔާ ކުރެވޭ ގޮތާއި، ޔައުމިއްޔާތައް ސައްހަ ލިޔުންތަކެއްގެ ގޮތުގައި ބަލާ މިންގަނޑު ދެނެގަތުމަށާއި، ބައެއް ފަޅު ރަށްތައް އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ބަދަލުކުރުމުގައި އިކޮނޮމިކް ކައުންސިލްގެ ދައުރު އޮތް ގޮތް ސާފުކުރުމަށެވެ.

މި ދެ ބޭފުޅުން ވެސް ވިދާޅުވީ އާރަށުގެ މައްސަލަ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރި ހަނދާން ނެތް ކަމަށެވެ. ދައުލަތުން ވަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އާރަށްް އޮއްވާ އެ ރަށް ޓޫރިޒަމްގެ ދަށަށް ގެންދިޔައީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ކަމަށް ދައުވާގައި ބުނެފަ އެވެ. ނަމަވެސް ސައީދު ވަނީ ފަޅުރަށްތައް އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ބަދަލުކުރުމުގައި އިކޮނޮމިކް ކައުންސިލްގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައީދުވެސް ޒުހޫރުވެސް ވިދާޅުވީ އިކޮނޮމިކް ކައުންސިލްގެ ޔައުމިއްޔާއެއް ސައްހަ ވާނީ ކައުންސިލްގައި ހިމެނޭ ވަޒީރުން ސޮއިކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވެސް ސޮއިކުރެއްވުމުން ކަމަށެވެ. އާރަށް ފިޝަރީޒުން ޓޫރިޒަމަށް ބަދަލުކުރީ އިކޮނޮމިކް ކައުންސިލުން ނިންމައިގެން ކަމަށް ބުނެ ދައުލަތުން ހުށަހެޅި ޔައުމިއްޔާއަކީ ސައްހަ އެއްޗެއް ނޫން ކަމަށް ޒުހޫރާއި ސައީދު ވެސް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ސޮއިކުރައްވާފައި ނުވުމެވެ.

މުޖުތާޒު ހާޒިރުކުރީ ރައީސް އޮފީހުން ފޮނުވާ ސިޓީތައް ފޮނުވާއިރު އަމަލުކުރާ ގޮތާއި ސިޓީ ތަކުގައި ސޮއި ކުރުން އޮންނަ ގޮތެއް ސާފުކުރުމަށެވެ. ހެކިބަސް ދެއްވަމުން މުޖުތާޒު ވިދާޅުވީ ރައީސް އޮފީހުން ފޮނުވާ ސިޓީތަކުގައި ސޮއި ކުރުމަށް ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ހުއްދަ އޮންނާނެ ކަމަށެވެ. އަދި ބައެއް ސިޓީތަކުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ނޭނގި ވެސް ރައީސް ވިދާޅުވި ކަމަށް ބުނެ ސިޓީ ފޮނުވާފައި ހުންނާނެ ކަމަށެވެ. އެއީ ރައީސް އޮފީހުގައި އަމަލުކުރަމުން އައި ޒަމާންވީ އުސޫލެއް ކަމަށްވެސް ވިދާޅުވި އެވެ.

ހެކިބަސް ނަގައި މިއަދު ނިމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް އޮންނާނެ ކަމަށް އިއުލާންކުރައްވާފަ އެވެ. ދެ ފަރާތުގެ ހެކިބަަސް ނަގައި ނިމިފައިވާތީ އެ ދުވަހު އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށް ވިދާޅުވި އެވެ.

ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ވަގުތު ދިނުމަށް ޔޫސުފް ނައީމުގެ ވަކީލުން ހުށަހެޅުއްވި އެވެ. ނަމަވެސް ގާޒީ ވިދާޅުވީ އިތުރު ވަގުތު ދެވެން އޮތް ނަަމަ އެކަން ފަހުން އަންގަވާނެ ކަމަށެވެ.