ދުނިޔެ

ޔުކްރޭނަށް އެކަށީގެންވާ ފިޔަވަޅު އަޅާނަން: އީރާން

އީރާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުމުގެ ފެންވަރު ދަށްކުރަން ޔުކްރޭނުން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން ބުނީ ބަދަލުގައި އެކަށިގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނަސީރު ކަނާނީ ވިދާޅުވި ގޮތުގައި ސާބިތުކުރެވެން ނެތް ވާހަކަތަކެއް، މާބޮޑު ކަމެއް ގޮތުގައި ޔުކްރޭން ހަދަނީ އެވެ.

ހުޅަނގަށް ވިކިފައި ތިބި ބަޔަކު ދައްކާހާ ވާހަކައެއް ޔުކްރޭނަށް ވަނީ ތެދު ހަގީގަތަށް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިޔެވްގެ ނިންމުމުގައި އެއްވެސް އަސާސެއް ނެތެވެ. ކިޔެވްގެ ނިންމުން ބިނާވެފައި އޮތީ ވަސްވާހާއި ހީވުމުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގައި އުފައްދާ އަސްކަރީ ދަރަޖައިގެ ޑްރޯން ރަޝިއާ އަށް ފޯރުކޮށްދޭ ކަމަށް ބުނެ ޔުކްރޭންގައި ހުންނަވާ އީރާންގެ ސަފީރުގެ ފަތްކޮޅު ޔުކްރޭނުން ވަނީ އަނބުރާ ރައްދުކޮށްފަ އެވެ. އަދި އީރާންގެ އެމްބަސީން މުވައްޒަފުން މަދުކުރަން ވެސް ވަނީ އަރުމުރުކޮށްފަ އެވެ.

ރަޝިއާ ސިފައިންގެ ހަމަލާތަަކަށް ރައްދު ދިނުމަށް ޔުކްރޭންގައި ހަރަކާތްތެރިވާ އެ ގައުމުގެ ސިފައިންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ރަޝިއާ ސިފައިންނަށް އީރާނުން އަސްކަރީ ދަރަޖައިގެ ޑްރޯން ސަޕްލައިކުރެ އެވެ.

ޔުކްރޭން ސިފައިން ބަޑިޖަހައި ވައްޓާލި ޑްރޯންތަކުގެ ތެރޭގައި އީރާންގައި އުފައްދާ ކަމިކާޒޭ މަރުކާގެ ޑްރޯންތައް ވެސް ހިމެނޭ ކަމަށް ޔުކްރޭން ސިފައިން ބުނެ އެވެ.

އީރާންގައި އުފައްދާ ޑްރޯންނާއި ގުޅުންހުރި ޓެކްނޮލޮޖީ ރަޝިއާ އަށް ސަޕްލައިކުރާ ކަމަށް ބުނެ އެމެރިކާ އާއި ޔޫރަޕުން ވަނީ ޔުކްރޭނަށް ވިސްނައިދީފަ އެވެ. އެކަމުގައި ސާބިތުކުރެވޭ ވަރުގެ ހެކިތަކެއް ނެތް ނަމަވެސް ޔުކްރޭން މިހާރު އޮތީ އެކަން ވަރަށް ރަނގަޅަށް ގަބޫލުކޮށްގެންނެވެ.

ރަޝިއާއަށް ހަތިޔާރު ސަޕްލައިކުރުމަކީ ޔުކްރޭނަށް ކަމޭހިތާ އެއްވެސް ގައުމަކުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޔުކްރޭންގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. އެފަދަ ކަމެއް ކޮށްފި ގައުމަކާ މެދު ހެޔޮކޮށް ނުހިތާނެ ކަމަށްވެސް ޔުކްރޭނުން ވަނީ ބުނެފަ އެވެ.

ޔުކްރޭންގެ ނިންމުން އަނބުރާ ނުގެންގޮސްފި ނަމަ އީރާނުން އަޅާނެ ފިޔަވަޅުތައް ލަސްނުކުރާނެ ކަމަށްވެސް ނަސީރު ކަނާނީ ވިދާޅުވި އެވެ.