"ޕަތާން" ކުޅެން ޝާހް ރުކް ޚާންގެ ހަށިގަނޑު ވަނީ ވަރަށް ވަރުގަދަކޮށް ރީތިކޮށްލާފަ އެވެ.
ފިލްމުގެ ސެޓުގައި އޭނާ ގަމީސް ނުލައި ނަގާފައިވާ ފޮޓޯއެއް ޝާހް ރުކް ވަނީ ސޯޝަލް މީޑިއާގައި ފޭނުންނާ ޝެއާ ކޮށްފަ އެވެ. އިއްޔެ މި ފޮޓޯ ޝެއާ ކުރުމާއެކު އޭނާގެ އެތައް މިލިއަން ފޭނުންނެއް ހީވީ މޮޔަވީހެންނެވެ.
ޔާޝް ރާޖް ފިލްމްސް އިން 2023ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު އެއް ފިލްމަކީ "ޕަތާން" އެވެ.
މި ފިލްމުގައި ޝާހް ރުކްގެ އިތުރުން ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް މުހިއްމު ކެރެކްޓާތަކުން ފެންނާނެ އެވެ.
ޝާހް ޝެއާކުރި ފޮޓޯއަށް ބަލާލުމުން އެ ފިލްމަށްޓަކައި އޭނާގެ ހަށިގަނޑުގެ ބައްޓަމަށް ބަދަލު ގެންނަން ކޮށްފައިވާ ބުރަ މަސައްކަތް ފެނެ އެވެ.
"ޕަތާން"ގެ އިތުރުން ޔާޝް ރާޖްގެ ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ލީޑް ރޯލު ކުޅޭ "ޓައިގާ 3"ގައި ވެސް ޝާހްރުކް މެހެމާނެއްގެ ގޮތުގައި ބައިވެރިވެ އެވެ.
އޭނާ ކުޅޭ އިތުރު ފިލްމުތަކުގެ ތެރޭގައި ރާޖްކުމާރު ހިރާނީގެ "ޑުންކީ"އާއި އަޓްލީގެ "ޖަވާން" ހިމެނެ އެވެ. މި ހުރިހާ ފިލްމެއް ވެސް ތައްޔާރުކުރަމުންދަނީ އަންނަ އަހަރު ރިލީޒްކުރާށެވެ.