މޯލްޑިވްސް ޕޮލިސް ސާވިސް

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Sep 26, 2022

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ފުލުހުންނަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައި ހުރި ހެކިތަކުގެ ތެރެއިން ނިމިފައިހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، މި މުއްދަތުގައި ޑްރަގް އެންފޯސްމަންޓާއި ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް، ތުުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެސްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ.

މިއަދު ނައްތާލާފައިވަނީ 482 ބްރޭންޑެޑް ފުޅިއާއި، 31 ޕެޓް ފުޅިއާއި، 444 ދަޅު ބަނގުރަލާއި، އެހެނިހެން 35 އައިޓަމެކެވެ. އެހެނިހެން އައިޓަމްގެ ގޮތުގައި ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެ އެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ބަނގުރަލާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސެކިއުޓާ ޖެނެރަލް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.