ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ދެމެހެއްޓެނިވި ގޮތަކަށް އަދި ރައްޔިތުންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް ގެނުވާނެ ގޮތަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ފެރީގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކުުރުމަށް މިރޭ ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ މަޝްރޫއުތައް ހިންގަނީ އެއް ކަމެއް އަނެއް ކަމެއްގެ މައްޗަށް ގުޅިލާމެހިގެންދާ ގޮތަށް ކަމަށެވެ. އާރްޓީއެލްގެ ފެރީގެ ނިޒާމަކީ އެގޮތަށް ކުރިއަށް ގެންދެވޭ ނިޒާމެއް ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފެރީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން އަންނާނެ ބޮޑެތި ބަދަލުތައް ބޮޑުތިލަދުންމަތީގެ ރައްޔިތުން މިހާރު ބަލައިގެންފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ތެރޭގައި ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީ އާރްޓީއެލް ފެރީގެ ހިދުމަތުގެ ތެރެއިން ގުޅާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އާރްޓީއެލް ފެރީގެ ތެރެއިން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ބޭނުންވާ ފެރީތައް ބަނުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ފެރީގެ ނިޒާމަކުން ރަށްތައް ގުޅާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކިތަންމެ ގިނަ ނަމަވެސް އެ މަސައްކަތް މަޑުޖައްސާލުމަށް ބޭނުން ނުވާ ކަމަށެވެ. ސަރުކާރުން ރާއްޖެއަށް ގެންނަން ބޭނުންވާ މާނަވީ ބޮޑު ބަދަލު ގެނެވޭނީ ފެރީގެ ނިޒާމު އަވަސްކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ފުދުންތެރި ވެވޭނީ ހެލިފެލިވެ ފުރާ ދުއްވިގެން އައިސް ލެވިގެން. އާރްޓީއެލްގެ ޖީބަށް ލުއި އަރާމު ބާރު ދުވެލި މިއީ އިގްތިސާދީ ހަރަކާތް އެތައް ގުނައެއް އިތުރުކޮށްދޭނެ ކަމެއް" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރަށްތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ މަޝްރޫއުތަކެއްގެ ގޮތުގައި ދެކިގެން ނޫން ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"މިފަދަ ހިދުމަތްތައް ފުރިހަމަވެގެން ދިއުމަކީ ޖަޒީރާ ދިރިއުޅުމަކަށް އިގްތިސާދީ ތަނަވަސް ކަމުގެ ދިރުން ގެނުވާނެ ކަމަކަށްވުމުން،" ރައީސް ވިދާޅުވި އެވެ.