އާރްޓީއެލްގެ ހިދުމަތް ދެން ފަށާނީ ނ. އަތޮޅުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ނ. ޅޮހީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ނިޒާމު ފެށުމަށް ބޭނުންވާ ލޯންޗުތަކުގެ ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އާރުޓީއެލްގެ ހިދުމަތް ދެން އަންނާނީ ނ. އަތޮޅަށް. މިހާރު ވަނީ އެކަމަށް ބޭނުންވާ ލޯންޗު ބަނުމަށް ކޮންޓްރެކްޓް ކޮށްފައި. އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މި އަތޮޅުގައި އެ ހިދުމަތް ފެށިގެން ދިޔުން," ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ނ. އަތޮޅުގެ ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލައި މުޅި ނ. އަތޮޅައް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ.
ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
އާރްޓީއެލް ފެރީގެ ނިޒާމު ދެން އެންމެ އަވަހަށް ފަށާނީ ނ. އަތޮޅުގައި ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް އައްޑޫ ސިޓީގައި މިހިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ. އެހެންކަމުން ނ. އަތޮޅުގައި ހިދުމަތް ފަށާނީ އައްޑޫގައި ފެރީގެ ނިޒާމު ފެށުމަށްފަހު ކަމަށް ބެލެވެ އެވެ.
އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. ހދ. ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަދި ގދ. އަތޮޅުގަ އެވެ.