ލައިފްސްޓައިލް

ބ

ހޮސްޕިޓަލުގެ ބަލި އެނދުގައި އޮތް އުމުރުން ދުވަސްވީ ފިރިހެނަކަށް އޭނާގެ އަނބިމީހާ ލަވަކިޔައިދޭ މަންޒަރުގެ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ފަހުން ދައުރުވެއްޖެ އެވެ. އަދި މި ވީޑިއޯ ބަލާފައި ގިނަ ބަޔެއްގެ ހިތަށް ވަރަށް އަސަރުކޮށްފި އެވެ.

މި ދެމަފިރިންގެ ކައިވެންޏަށް 70 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އަންހެން މީހާ އޭނާގެ ފިރިމީހާ އަށް ލަވަ ކިޔައިދިނީ ހޮސްޕިޓަލުގެ އެނދުގައި އޭނާ އޮތް އެނދުގެ ކައިރީގައި ހުރި ގޮނޑިއެއް އިނދެގެން ކަމަށް މިހަބަރުގައި ބުނެފައި ވެއެވެ.

ފިރިހެން މީހާގެ އަތާ އަތް ގުޅާލައިގެން އިނދެ އަންހެން މީހާ ކިޔައިދެނީ ބްރެޒީލްގެ ލަވަކިޔުންތެރިޔަކު ކިޔައިދީފައިވާ ޕޯޗްގީޒްގެ މަޝްހޫރު ލަވަ އެކެވެ.

މި ލަވަ ކިޔައިދޭއިރު ފިރިހެން މީހާ ލޯބިން އޭނާގެ އަންހެނުންގެ މޫނުގައި ފިރުމާލާތަން ވެސް ފެނެ އެވެ.

"އަހަރެން ތިބާ ކައިރީގައި ވަރަށް ގިނަ ވާހަކަ ދައްކަން އެބަހުއްޓެވެ. އެކަމަކު އެ ވާހަކަތައް ބަޔާންކޮށްދޭނެ ގޮތެއް ނޭނގެ އެވެ. ތިބާ ދެކެ އަހަރެން އިންތިހާއަށް ލޯބިވެ އެވެ،" މި ލަވައިގެ މާނައިގައި ބުނެ އެވެ.

ޓުވިޓާގައި ޓްރެންޑްވި މި ވީޑީއޯއަށް ކޮމެންޓްކުރަމުން އެކަކު ބުނެފައިވަނީ މި ލަވަ އަޑު އަހާލުމުން އަންހެން މީހާގެ ހިތުގައި އޭނާގެ ފިރިމީހާއަށް އޮތް ލޯބި އިހްސާސްކުރެވޭ ކަމަށާއި އަދި ފިރިމީހާ ބަލަން އޮތް ގޮތުން އޭނާ ވެސް އަންހެން މީހާ ދެކެ ވާލޯބި ހާމަވާ ކަމަށެވެ.

"މިއީ އެންމެންނަށް ހޯދަން އުނދަގޫވެގެން އުޅޭ ހަގީގީ ލޯތްބަކީ. އެންމެންނަށް ވެސް މިފަދަ ލޯތްބެއް ލިބޭނެ ކަމަށް ހީކުރަން. އަދި އެހާ ލޯބިވާ މީހަކު ލިބިއްޖެނަމަ އެ މީހަކު ދޫނުކުރުން އެދެން،" ކޮމެންޓުކުރި މީހާ ލިޔެފައިވެ އެވެ.