ސްޓެލްކޯ

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފި

Sep 28, 2022

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބްލޫ ރިޖްގެ ނަމުގައި ހަދާފައިވާ ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި ފްލެޓް ތަކުގެ ގުރުއަތުލުން ރޭ ބާއްވައިފި އެވެ.

މިހާތަނަށް ނުވިކި ހުރީ ދެ ކޮޓަރިއާއި މެއިޑް ރޫމު ހިމެނޭ 16 ޔުނިޓާއި، އެއް ކޮޓަރި ހިމެނޭ 17 ޔުނިޓެވެ. އެއް ކޮޓަރި ހިމެނޭ 17 ޔުނިޓްގެ ތެރެއިން އެއް ޔުނިޓަކީ އެ ޔުނިޓް ލިބުނު މުވައްޒަފު ދޫކޮށްލި ޔުނިޓެކެވެ.

އެއް ކޮޓަރީގެ ޔުނިޓްތަކަށް ޝަރުތު ހަމަވާ 75 މުވައްޒަފުންގެ ތެރެއިން ރޭ އޮތް ރަސްމިއްޔާތުގައި 17 ޔުނިޓަށް ގުރުއަތުން މުވައްޒަފުން ހޮވާފައިވެ އެވެ.

ދެ ކޮޓަރީގެ ޔުނިޓްތަކަށް ޝަރުތު ހަމަވާ 235 މުވައްޒަފުން ތިބި ކަމަށާއި ޔުނިޓްތަކަށް ޝަރުތު ހަމަވާ މުވައްޒަފުންނަށް ސާކިއުލާ އަކުން ކުރިން އަންގާފައިވާނެ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.

ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ޝަރުތު ހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދީގެން އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި މީހެއްގެ ހާޒިރުގައި އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް ލައިގެންނެވެ. އެކި ސަބަބުތަކާއިހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަން ކަރުދާސްކޮޅުތައް ފޮއްޓަށް ލާފައިވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ސްޓެލްކޯގެ ހައުސިން ކޮމިޓީގެ ބޭފުޅުންނެވެ.

ދެ ގިންތީގެ ޔުނިޓްތަކަށް ވެސް ގުރުއަތު ނެގީ ވަކިވަކިންނެވެ. އަދި އެމީހުންނަށް ލިބޭ ޔުނިޓްވެސް ނަގާފައިވަނީ ގުރުއަތުންނެވެ.

ގުރުއަތު ނެގިއިރު ކޮންމެ ގިންތިއަކުންވެސް އިތުރު 15 މުވައްޒަފެއްގެ ނަން ވެއިޓިން ލިސްޓްގައި ހިމަނަން ގުރުއަތު ނެގި އެވެ.

"މި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ރޭ ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާ ހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާ ކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ރެއަކީ އެއްބަޔަކަށް އުފާވެރި ރެއެއް ކަމަށާއި، އަނެއް ބަޔަކަށް އުފާވެރި ނުވި ނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ރެއެއް ކަމަށެވެ.

"އެ ހިތްހަމަޖެހުން ލިބެނީ ދެފުށްފެންނަ، އެއްވެސް އޮޅުވާލުމެއް ނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެންދާތީ،" ޝަރީފް ވިދާޅުވި އެވެ.

ބްލޫ ރިޖްގެ ދެ ޓަވަރުގައި ޖުމްލަ 360 ފްލެޓް ހިމެނެ އެވެެ. އެއީ އެއް ކޮޓަރީގެ 72 ފްލެޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 ފްލެޓެވެ.