މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގައި މަސައްކަތްކުރަމުން ދަނިކޮށް މޫނަށް ދަގަނޑެއް ހެރިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ބިދޭސި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައި އޭޑިކޭއިން ބުނެފި އެވެ.
އަނިޔާވި މީހާއަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރުމަށް މިއަދު އޭޑީކޭ ހޮސްޕިޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަގަނޑު ހެރުމުން އެމީހާއަށް ލިބިފައިވާ އަނިޔާތަކާއި، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އޭޑީކޭގެ ޓީމުން ކުރި މަސައްކަތް ތަފްސީލުކޮށް ހިއްސާކޮށްފައިވެ އެވެ.
މިހާދިސާ ހިނގީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތެއްގެ މައްޗަށް އެރުވި ދަނގަނޑުތަކެއް ވެއްޓި، މިމަހުގެ 17 ވަނަ ދުވަހު އެވެ. މަތިން ބާރު އަޑެއް އިވިގެން ވައިގޮޅިއަށް އެމީހާ ބޯދިއްކޮށްލިތަނާ ހަތްވަނަ ބުރިން ވެއްޓުނު ތިން ފޫޓަށް ވުރެ ދިގު ދަގަނޑު ވަނީ އެމީހާގެ ނޭފަތު ކަށިގަނޑުން ވަދެ، އެތެރެ ހަށި ފޫއަޅުވާ ގޮސް އުކުޅުވަޅަށް ހެރިފަ އެވެ.
އޭޑީކޭގެ އެކި ސްޕެޝާލިޓީތަކުގެ ޑޮކްޓަރުންގެ ޓީމުތަކުން މެދުކެނޑުމެއް ނެތި އެ މީހާއަށް ފަރުވާދީ، ބޮޑެތި ސާޖަރީތަކެއްކޮށް އޭނާގެެ ފުރާނަ ސަލާމަތްކުރަން ކުރި މަސައްކަތުގެ ނަތީޖާއެެއްގެ ގޮތުން މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭއިން ބުންޏެވެ. އެގޮތުން އޭނާގެ ނޭފަތުގެ ކަށިގަނޑާއި، ކަރާއި، ފުއްޕާމެއާއި ލިވާ އަދި ބަނޑުގެ އެކި ހިސާބުތަކާއި އުކުޅުވަޅުގެ އިތުރުން މައިބަދައަށް ލިބިފައިވާ ގެއްލުންތަކަށް އެކިވަރުގެ ސާޖަރީތައް ކުރެވި ފަރުވާ ދެވިފައިވާ ކަމަށް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވި އެވެ.
ހަށިގަނޑަށް ލިބުނު ބޮޑު އަނިޔާއަކަށް ފަހު ދާއިމީ ބޮޑު އުނިކަމެއް ނެތި އެމީހާ ސަލާމަތް ކުރެވުނީ ދަގަނޑު ހެރުނުއިރު މުހިއްމު ލޭނާރަކަށް ނުވަތަ ގުނަވަނަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާތީ ކަމުގައިވެސް މައުލޫމާތު ހިއްސާކުރެއްވި ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.
އޭޑީކޭގައި ފަރުވާ ހޯދަމުންދާ މީހާގެ އެންމެ ފަހުގެ ހާލަތު ފެންނަ ގޮތަށް މިއަދު ވީޑިއޯއެއްވެސް ދައްކާލި އެވެ. އެ ވީޑިއޯއެއްގައި އެމީހާ ކޮޅަށް ތެދުވެ ހަރަކާތް ކުރާ ތަން ފެނެވެ.
ކާމިޔާބު އޮޕަރޭޝަންތަކެއް ކޮށް، ކުޑަދުވަސްކޮޅެއްްގެ ތެރޭގައި އެމީހާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައިވާތީ އެއީ އޭޑީކޭއަށް ލިބުނު ވަރަށް ބޮޑު ކާމީޔާބެއް ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވެފައިވެ އެވެ.