އިއްޔެ ހަވީރު ހ. ރުށްދޮށުގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގެ ބައެއް ވެއްޓި އަނިޔާވި ފަސް މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެނަށް ފަރުވާއަށް ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިއަދު ވިދާޅުވީ ސިމެންތިން ހަދާފައިވާ ބެލްކަންޏެއްގެ ބައެއް ވެއްޓި ފަސް މީހަކަށް އަނިޔާވެގެން އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. ނަމަވެސް މި ވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ އޭގެ އެކަކަށް ކަމަށާއި އަނެއް ތަރު މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލުވެސް ރަނގަޅު ކަމަށް އައްފާލް ވިދާޅުވި އެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ނުދެއްވަ އެވެ.
"އެންމެ މީހެއް ފިޔަވައި އެންމެން މިހާރު ވަނީ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްފަ. ހޮސްޕިޓަލުގަ އެޑްމިޓްކޮށްފައިވާ ފަރާތުގެ ހާލަތު ވެސް ސްޓޭބަލް ކަމަށް އެންމެ ފަހުން ލިބުނު ރިޕޯޓުގައި ވަނީ." އައްފާލު ވިދާޅުވި އެވެ.
އިއްޔެ އެ ހާދިސާގެ މަންޒަރު ދުށް މީހުނާ ހަވާލީ ބައެއް ފަރާތްތަކުން ބުނި ގޮތުގައި ބެލްކަނި ދަށުވެ އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކެއްގެ އަނގައާއި ނޭފަތުން ލޭ އަންނަމުން ދިޔަ ކަމަށާއި އެކެއްގެ ކަކުލާއި އުނަގަނޑަށް ވެސް އަނިޔާވެފައި ވެ އެވެ.
އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށް ވެސް އެކިވަރުގެ ގެއްލުންވި ކަމަށް ވެއެވެ.