ދުނިޔެ

އެމެރިކާ ރައްޔިތުން ރަޝިއާއިން ވަގުތުން ފައިބަން އަންގައިފި

ރަޝިއާގައި ތިބި އެމެރިކާ ރައްޔިތުން އެ ގައުމު ދޫކޮށް ވަގުތުން ފޭބުމަށް، ރަޝިއާގައި ހުންނަ އެމެރިކާ އެމްބަސީން އަންގައިފި އެވެ. އެމެރިކާ ރައްޔިތުން ރަޝިއާއަށް ދަތުރު ނުކުރުމަށް ވެސް އެމްބަސީން ވަނީ އަމުރުކޮށްފަ އެވެ.

ސަބަބެއް ކަމަށް އެމްބަސީން ބުނީ ދެ ގައުމުގެ [ރަޝިއާ އަދި އެމެރިކާ] ރައްޔިތުކަން އޮންނަ މީހުން ޔުކްރޭން ހަނގުރާމައަށް ރަޝިއާ ސަރުކާރުން ފޮނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ މީހުންގެ ނުރުހުމުގައި ހަނގުރާމައަށް ދިއުން މަޖުބޫރުކޮށް ދެކޮޅު ހަދާ މީހުންނާ މެދު ގާނޫނީ ކުށެއް ކުރި ކަމަށް ނިންމައި ފިޔަވަޅު އަޅާފާނެ ކަމަށެވެ.

ޔުކްރޭން ހަނގުރާމައަށް 300،000 ރިޒާވް ސިފައިން ނެރެން ޕޫޓިން ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފަ އެވެ. މި އަމުރު ތަންފީޒް ވާނީ އަސްކަރީ ތަމްރީން ހަދާފައި ތިބި މީހުންގެ މައްޗަށެވެ.

އަސްކަރިއްޔާއަށް ކޮންމެވެސް ރޮނގަކުން ހިދުމަތްކުރުން ލާޒިމްވާ 25 މިލިއަން މީހުން ރަޝިއާގައި ތިބެ އެވެ. މިއީ ކުރިން އަސްކަރިއްޔާގައި ޚިދުމަތްކުރި ނުވަތަ އަސްކަރީ ތަމްރީންގެ މަރުހަލާތަކެއް ކުރިން ފުރިހަމަކޮށްފައި ތިބި މީހުންނެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާގެ ކޮންމެ ރައްޔިތަކު ހަނގުރާމައަށް ނުނެރޭނެ އެވެ. އަދި ކިޔާވާ ކުދިން -- ސްކޫލް، ޔުނިވާސިޓި ދަރިވަރުން ވެސް ނުނެރޭނެ އެވެ.

އޭނާ އަދި ވިދާޅުވީ އެ ކުދިންގެ މަސައްކަތަކީ ކިޔެވުން ކަމަށެވެ. އަދި ފަހުން ގައުމު ތަރައްގީ ކުރުން ކަމަށެވެ.

ޕޫޓިންގެ މި އަމުރާ ގުޅިގެން ރަޝިއާ ދޫކޮށް އެތައްހާސް ބަޔަކު ވަނީ ގޮސްފަ އެވެ. ބައެއް މީހުން ފިލައި އާންމުންނަށް ގެއްލިގެން އުޅޭ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އެމެރިކާ އެމްބަސީގެ ވެބްސައިޓްގައި ޝާއިއުކުރި އާންމު ބަޔާނެއްގައި ބުނެފައިވާ ގޮތުން ވައިގެ މަގުން ރަޝިއާއިން ބޭރުވެވެން ހުރީ މަދު ފުރުސަަތުތަކެކެވެ. އެހެންނަމަވެސް އަވަށްޓެރި ގައުމުތަކަށް ކާރާއި ބަހުގައި ދަތުރުކުރެވޭ ކަމަށެވެ.

ރަޝިއާއިން ބޭރުވާން އެދޭ އެމެރިކާ މީހުން އެކަމާއިގެން އުޅެން ޖެހޭނީ އަމިއްލަ އަމިއްލައަށް ކަމަށް އެމްބަސީން ބުނެ އެވެ. އަދި އެމްބަސީން ކަމެއް ކޮށްދޭތޯ -- އެހީތެރިކަމެއް ފޯރުކޮށްދޭތޯ ތިބޭނެ ކަމެއް ނެތް ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެމްބަސީން ބުނާ ގޮތުން ރަޝިއާއިން މި ވަގުތު ފައިބަން އެދޭ ބަޔަކަށް ތަންކޮޅެއް ފަސޭހަވެދާނެ އެވެ. އެކަމަކު ފަހުން ފައިބަން ހަދައިގެން އެއްގޮތަކަށް ވެސް ފުރުސަތު ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.