މާލޭ ސިޓީ

ގަސްތައް ކަނޑަނީ ހޮޅިވަޅުލަން ދަތިވާތީ: މިއުވާން

މާލޭގެ އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަނީ މަގުގައި ހޮޅިވަޅުލުމަށް ދަތިވާތީ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.

ފެނުގެ ފަށަލަ ތިލަވުމުގެ ސަބަބުން ގަހުގެ މޫތައް ފެތުރި މަގުގައި ހުރި ހޮޅިތަކަށްވެސް ގެއްލުންވާ ކަމަށާއި ހޮޅިވަޅުލުމަށްވެސް ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ.


"އަމީނީމަގުގައި އިންދާފައި ހުރި ގަސްތަކަކީ އާންމު ގޮތެއްގައި މަގުތަކުގައި އިންދާ ކަހަލަ ގަސްތަކަށްވުރެ ތަފާތު ގަސްތަކެއް،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަސްތައް އުކާލަނީ ނޫން ކަމަށާއި ގަސްތައް އެހެން ތަންތަނުގައި އިންދާނެ ކަމަށެވެ. މަގު ހެދުމަށްފަހު މަގު ފެހިކުރުން ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި އަމީނީ މަގުގެ ދުވާރު ހަދަނީ ވީލް ޗެއާ އަދި ލޯފަން މީހުންނަށްވެސް ބޭނުންކުރެވޭ ގޮތަށެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް އަމުރެއް ހޯދުމަށް މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފަ އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.