ޓެކްސީގެ ހިދުމަތް

ޓެކްސީ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ސަރުކާރުން ބޭނުމެއް ނޫން: ޓްރާސްޕޯޓް މިނިސްޓްރީ

ސަރުކާރުން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތުގައި ހިމެނޭ މިނީ ބަހުގެ ހިދުމަތް މާލެ ސަރަހައްދުގައި ފެށި ނަމަވެސް ޓެކްސީ ހިދުމަތުގެ އަގު ކޮންޓްރޯލްކޮށްފައިވާ އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ޓެކްސީ ހިދުމަތުގެ އަގުތަކަކީ ކޮންޓްރޯލް ކޮށްފައި ހުންނަ އަގުތަކެއް ކަމަށެވެ.

ޓެކްސީ ހިދުމަތުގެ އަގު ކޮންޓްރޯލް ކޮށްފައި އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ބޭނުން ނުވި ނަމަވެސް ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކަށް ރަނގަޅު ވެދާނެ ކަންތައްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވެމުން އެބަދޭ. އެ މައުލޫމާތު ހިއްސާކުރެވޭ ހިސާބަށް ދިޔައީމާ އަޅުގަނޑުމެން އެ މައުލޫމާތު ހިއްސާކުރާނަން،" ހަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށި ނަމަވެސް ޓެކްސީ ކުރުމަށް ހުއްދަ ދިނުމުގައި ގެންގުޅޭ އެއްވެސް އުސޫލަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް ވެސް މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން ކުރިއެކޭ ވެސް އެއްގޮތަށް ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އުޅަނދުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އަވަސްއާ ވާހަކަދެއްކި ބައެއް ޓެކްސީ ޑްރައިވަރުން ބުނި ގޮތުގައި ދުނިޔޭގެ ބާޒާރުގައި މިއަހަރުގެ މާޗު މަހުން ފެށިގެން ތެލުގެ އަގު ބޮޑުވެފައިވާތީ ޓެކްސީ ކުރާ މީހުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވެ ލިބޭ އާމްދަނީ ދަށަށް ދިޔަ ކަމަށެވެ. އެ މައްސަލަ އެހެން އޮއްވާ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާއި ބައެއް ބޮޑެތި މަގުތަކުގައި އެއްވެސް ވަރަކަށް ޕާކް ނުކުރެވޭތީ އާމްދަނީ އިތުރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

"މިނީ ބަހުގެ ހިދުމަތާ އަޅުގަނޑުމެން ދެކޮޅެއް ނޫން. އެކަމަކު ތެލުގެ އަގު ބޮޑުވެފައި މިނީ ބަހުގެ ހިދުމަތް ފެށީމާ އަޅުގަނޑުމެންގެ އާމްދަނީ ދަށަށް ދާނެ ކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. އެހެންވީމާ ސަރުކާރުގެ ސިޔާސަތުތައް ވެސް ތަންފީޒު ކުރަންވާނީ އެންމެންގެ ހައްގުތައްވެސް އެންމެންނަށްވެސް ގެއްލުން ނުވާނެ ގޮތްތަކެއް ބަލައިގެން. މިހާރު އަޅުގަނޑުމެންނަށް މިހިދުމަތް ދިނުމަށްޓަކައި ކުރިއަށް ވުރެ ބޮޑެތި ލުއި އަދި ފަސޭހަތައް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހޯދައިދޭން އެބަޖެހޭ،" މާލޭގައި ޓެކްސީ ކުރާތާ 20 އަހަރުވެފައިވާ ޑްރައިވަރަކު ބުންޏެވެ.

ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ޓެކްސީގެ އަގުތަށް ބޮޑުނުކުރުމުން މި އަހަރުގެ މާޗު މަހު ވަރަށް ގިނަ ޓެކްސީ ޑްރައިވަރުން ބައިވެރިގެން މާލެއާއި ހުޅުމާލޭގައި ވަނީ ސިލްސިލާކޮށް އިހްތިޖާޖުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިދިޔަ މާޗު މަހުން ފެށިގެން ބޭނުން އަގެއް ނަގައިގެން ބައެއް ޓެކްސީ ޑްރައިވަރުން ދަތުރުތައް ވެސް ކުރި އެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ފަހުން ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތަކާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށް އާ އަގުތަކެއް މިދިޔަ ޖުލައިގައި އިއުލާންކޮށްފަ އެވެ.

އެގޮތުން ހުޅުމާލެ އެކެއް އަދި ފިޔަވަހި ދޭއްގެ އެތެރޭގެ ދަތުރަކަށް މިހާރު ނަގަމުން ދަނީ 30 ރުފިޔާ އެވެ. މާލޭގައި ދުއްވާ ދަތުރުތަކަށް ނަގަނީ 30 ރުފިޔާ އެވެ. މާލެ އިން ހުޅުމާލެ ފިޔަވަހި އެކަކަށް އަދި ހުޅުމާލެ ފިޔަވަހި އެކަކުން މާލެ އަށް ދަތުރެއް ކޮށްދެނީ 85 ރުފިޔާ އަށެވެ.

މާލެ އިން ހުޅުމާލެ ފިޔަވަހި ދޭކަށް އަދި ހުޅުމާލެ ފިޔަވަހި ދޭކުން މާލެއަށް ދަތުރެއް ކޮށްދެނީ 100 ރުފިޔާ އަށެވެ. މާލެ އިން ހުޅުލެއަށް އަދި ހުޅުލެއިން މާލެ އަށް ދަތުރެއް ކޮށްދޭ އަގަކީ 70 ރުފިޔާ އެވެ. ހުޅުމާލެ ފިޔަވަހި ދޭކުން ހުޅުލެއަށް އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި ދޭކަށް ދަތުރެއް ކޮށް ދެނީ 85 ރުފިޔާ އަށެވެ. ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުމާލެ ފިޔަވަހި ދޭކަށް އަދި ހުޅުމާލެ ފިޔަވަހި ދޭކުން ހުޅުމާލެ ފިޔަވަހި އެކަކަށް ދަތުރެއް ކުރަނީ 40 ރުފިޔާ އަށެވެ.