ރާއްޖެ ކުޅިވަރު

ބަކާ މެލޭޝިޔާގެ ކެލަންޓަންގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ކޭބީޒެޑަށް ކުޅެމުން އައި ރާއްޖޭގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) މެލޭޝިޔާގެ ކެލަންޓަން އެފްސީ އަށް ބަދަލުވާން އެ ޓީމާއެކު ފަރިތަކުރަން ފަށައިފި އެވެ.

އޭނާ ވަނީ ރޭ ކެލަންޓަން އާއި ޔޫއައިޓީމް ކުޅުނު މެޗުގައި ވެސް ކުޅެފަ އެވެ.

މެލޭޝިޔާގެ ސުޕަ ލީގުގައި ކުޅޭ ކެލަންޓަން ޓީމު ވަރުގަދަ ކުރުމަށް އެޓީމަށް ބަކާ ގެންދިޔައީ ނައިޖީރިއާގެ ޒުވާން ގައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިންނާ ވެސް އެކުގަ އެވެ. ކެލަންޓަން އަކީ 2012 ވަނަ އަހަރު ސުޕަ ލީގުގެ ޗެމްޕިއަން ޓީމެކެވެ. އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް މީގެ ދެ އަހަރު ކުރިން ދަތުރު ކުރި ނަމަވެސް އެ ޓީމަށް މި އަހަރުގެ އޭއެފްސީން ކަޕުން ފުރުސަތު ލިބިފައެއްނުވެ އެވެ.

ރާއްޖޭގެ ވެލެންސިއާ އާއި ވިކްޓަރީ އަދި ވީބީ އާއި މާޒިޔާ އަށް ވެސް ކުޅުނު ބަކާ މެލޭޝިޔާ ލީގަށް ބަދަލުވާން އުޅޭ އިރު ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް އަންނަނީ މެލޭޝިޔާ ލީގުގައި ކުޅެމުންނެވެ. އޭނާ ކުޅެމުންދަނީ ޕީޑީއާރުއެމް އަށެވެ. އެ ޓީމަށް ބަދަލުވުމަށް މާޒިޔާ އާއި ގައުމީ ޓީމުގެ ޑިފެންޑަރު އަމްދާން އަލީ ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.